އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އޮފީސް އިމާރާތެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ. މި މަޝްރޫއަކީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ޝައުގިވެރިވާ ފަރާތްތަކަށް ރަޖިސްްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަސައްކަތަށް ޝައުގިވެރިވާ ފަރާތްތަކުން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އޮންނާނެއެވެ.
މި އިމާރާތް ތަރައްޤީކުރަނީ މިކްސްޑްޔޫސްޑް އިމާރާތެއްގެ ގޮތުގައެވެ. އެގޮތުން ސަރުކާރާއި، އިދާރީ މަސައްކަތްތަކުގެ އިތުރުން އޮޕަރޭޝަނަލް މެޑިކަލް، އަދި އެކިކަހަލަ ތަމްރީންތައް ކުރިއަށްގެންދިޔުމަށް ޚާއްސަ ތަންތަނާއި އެކަމަޑޭޝަން ޖާގަ މި އިމާރާތުގައި ހުންނާނެއެވެ. މިއީ ބޭސް މަންޓާއި ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައިވެސް ޕާކު ކުރެވޭގޮތަށް ތަރައްޤީކުރާ ތަނެކެވެ.
ޕާކިންގް އިންތިޒާމްތަކަށް ބަލާއިރު، ބޭސްމަންޓްގައި ހަތަރުފުރޮޅުލީ 28 އުޅަނދާއި 85 ސައިކަލް ޕާކްކުރެވޭނެ ޖާގަ ހުންނަންޖެހެއެވެ. މީގެ އިތުރުން އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި 4 ފުރޮޅުލީ 17 އުޅަނދާއި ދެވަނަ ފަންގިފިލާގައި 261 ސައިކަލް ޕާކް ކުރުމަށް ޖާގަ ހަމަޖައްސަންޖެހޭއިރު، މުޅި އިމާރާތުގައި 6 ލިފްޓް ބަހައްޓަންޖެހެއެވެ.
އިމާރާތުގެ އެކި ފަންގިފިލާތައް ބަހާލާފައިވާ ގޮތަށް ބަލާއިރު، 3 ވަނަ ފަންގިފިލާ ޚާއްސަ ކުރަނީ ސިއްޙީ ޚިދުމަތް ދިނުމަށެވެ. 4 ވަނަ ފަންގިފިލާއިން ފެށިގެން 10 ވަނަ ފަންގިފިލާ އޮފީސް ބައިތަކަށް ޚާއްސަކުރާއިރު، 11 އިން 13 އަށް ޚާއްސަކުރަނީ އެކަމަޑޭޝަންއަށެވެ. އެގޮތުން 80 އާއި 100 އާ ދެމެދުގެ އެނދު ހިމެނޭހެން، އަންހެނުންނަށާއި ބޭރުން އަންނަ މީހުންނަށް ވަކި ރޫމްތަކެއް މި ފަންގިފިލާތަކުގައި ހުންނާނެއެވެ.
މި އިމާރާތުގެ އެންމެ މަތީ ދެ ފަންގިފިލާ ޚާއްސަ ކުރަނީ ތަމްރީން ޕްރޮގްރާމްތަކަށެވެ. އެގޮތުން 6 ކްލާސްރޫމް، ލައިބްރަރީ، ކޮންޕަރެންސް ރޫމް، މަލްޓިޕާޕަސް ހޯލް އަދި ޓްރެއިނިންގ ހޯލް މި ބައިގައި ހިމެނޭނެ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވައެވެ.