ފެނަކައިގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ނިމޭއިރު 22 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ: އަފީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ފެނަކައިގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ނިމޭއިރު 22 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ: އަފީފް

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް އެއްކޮށް ނިމި، ކަންކަން ރަނގަޅަށް މެނޭޖްކުރެވިއްޖެނަމަ ކުންފުނީގެ ޚަރަދުން މަހަކު ގާތްގަނޑަކަށް 22 މިލިޔަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އަފީފް ވިދާޅުވީ، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށާއި މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ފެއްތުމަށް (ރައިޓްސައިޒް ކުރުމަށް) ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކުންފުނީގެ ބައެއް ގޮފިތަކުގައި މަސައްކަތަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުވައްޒަފުން އެބަތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

ފެނަކައިގެ މިހާރުގެ ހާލަތަށް ބަލާއިރު، ގާތްގަނޑަކަށް 8،000 އެއްހާ މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށާއި، އެ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހަކު 90 މިލިޔަނެއްހާ ރުފިޔާ ހޭދަކުރަންޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ. އެހެންކަމުން، މުވައްޒަފުން މަދުކުރުމަކީ ދެމެހެއްޓެނިވި ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކުރިއަށްދިއުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށްރަށަށް ދަތުރުކުރާއިރު މުވައްޒަފުން ވެސް ރަށްރަށުގެ ހަރުމީހުންވެސް އަޅުގަނޑުގެ ކިބައިން އެދޭ ވީހާވެސް އަވަހަށް ރައިޓްސައިޒްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް. އެކަން ހަމަޖެހުނީމަ ވަސީލަތްތައް ވެސް ހަމަޔަށް ރަނގަޅަށް ހަމަޖައްސާދެވޭނީ،" އަފީފް ވިދާޅުވިއެވެ.

މީގެއިތުރުން، މިއީ ގައުމީ ވިސްނުމެއްގައި ކުރާ މަސައްކަތެއްކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ، މުވައްޒަފުން ގިނަވުމުގެ ސަބަބުން ކުންފުނީގެ ޚަރަދު ބޮޑުވެ، މަސައްކަތުގެ ފެންވަރު ދަށްވެ، ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ލަސްވުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ނިންމާލަމުން އަފީފް ވިދާޅުވީ، ފެނަކައިގެ ޚިދުމަތްތައް ހަރުދަނާކޮށް ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަކީ ރަށްރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ކުންފުނި ނުރަނގަޅު ގޮތުގައި ހިންގުމުގެ ނޭދެވޭ އަސަރު ރަށްރަށުގެ އިޖުތިމާޢީ ވެއްޓަށް ވެސް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން