އަމާޒަކީ ކެންސަރ ހޮސްޕިޓަލްގައި ބަލި ދެނެގަނެވޭ މިންވަރަށް ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް 2028ގެ ކުރިން ނިންމުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
އަމާޒަކީ ކެންސަރ ހޮސްޕިޓަލްގައި ބަލި ދެނެގަނެވޭ މިންވަރަށް ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް 2028ގެ ކުރިން ނިންމުން: ވަޒީރު

ކެންސަރ ހޮސްޕިޓަލްގައި އަސާސީ ފަރުވާއާއި ބަލި ދެނެގަނެވޭ މިންވަރަށް ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް 2028ގެ ކުރިން ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ޞިއްޙަތާއި އާއިލާއާއި އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޞިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީ ހާމަކުރެއްވި ގޮތުގައި، 2025ވަނަ އަހަރު އެކަނިވެސް ކެންސަރު ބަލީގެ ޕޭޝަންޓުގެ ގޮތުގައި 67 އަންހެނުންނާއި 53 ފިރިހެނުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަދި ރާއްޖެއިން ބޭރުން މިހާތަނަށް އާސަންދަ މެދުވެރިކޮށް ކެންސަރާ ގުޅުންހުރި ކަންކަމުގައި 5،755 މީހުންނަށް އެހީތެރިކަން ފޯރުވައިދީފައިވާކަމަށާއި، މިކަމަށް 374 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތްތައް އެކި މަރުހަލާގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހިން ހަމަޖައްސާފައިވާ ކަމަށެވެ. މިއީ 500 އެނދުގެ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރާ ތަނެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ހޮސްޕިޓަލުގެ ތެރޭގައި 25 އެނދުގެ، ކެންސަރ ސްޕެޝަލިޓީ ފަރުވާގެ ފެސިލިޓީއެއް ހިމެނޭނެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ހޮސްޕިޓަލުގައި މަލްޓިސްޕެޝަލިޓީ ކެންސަރާއި މެޓަރނަލް އެންޑް ޗައިލްޑް ހެލްތުގެ ފަރުވާ ހިމެނިގެންދާނެއެވެ.

"މި ހޮސްޕިޓަލްގައި މަލްޓިސްޕެޝަލިޓީ ކެންސަރާއި މެޓަރނަލް އެންޑް ޗައިލްޑް ހެލްތުގެ ފަރުވާ ހިމެނޭ. އެކި މަރުހަލާތަކުގައި މަސައްކަތްދަމުންގޮސް، 2028ގެ ކުރިން އެންމެ އަސާސީ ޑައިގްނޯސްޓިކް ޓެސްޓްތަކާއި ފަރުވާ ފަށާނެ. ރޭޑިއޯ ތެރަޕީ، ކީމޯ، ޕެޓް ސްކޭން ފަދަ ޚިދުމަތްތައް ފަށާނެ،" ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން ކެންސަރު ބައްޔަށް ފޯރުކޮށްދޭ ފަރުވާ ހަރުދަނާކޮށް، ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކާއި ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން