ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި ނާސަރީ ގާއިމުކުރުމަށް ބޭނުންވާ ގްރާންޓް އެހީގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މިއީ މުޅި ރާއްޖޭގެ 20 ރަށެއްގައި ނާސަރީ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސެވެ.
މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި ހިމެނެނީ ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލައް، ތ. ކިނބިދޫ، ގއ. ދާންދޫ އަދި ގދ. ތިނަދޫ ސިޓީ އެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށަކަށް ނާސަރީ ތަރައްޤީ ކުރުމަށް 500,000 (ފަސްލައްކަ) ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި މި ނާސަރީތަކުގެ މަސައްކަތް ނިންމަންޖެހެއެވެ. މި ތަންތަނަކީ އެ އަތޮޅުތަކުގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ. އަންދާޒާކުރެވޭ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެއެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ. 2024 ވަނަ އަހަރުގެ ތިމާވެށި ދުވަހު އިފްތިތާޙްކުރި މި މަޝްރޫޢަށް މިހާތަނަށް 5.8 މިލިއަނަށް ވުރެ ގިނަ އަހުދު ލިބިފައިވާއިރު، 1.6 މިލިއަނަށްވުރެ ގިނަ ގަސް މިހާރު ވަނީ އިންދިފައެވެ. މި ހިނގާ 2026 ވަނަ އަހަރުގެ އަމާޒަކީ އިތުރު 1 މިލިއަން ގަސް އިންދުމެވެ.
މި މަޝްރޫޢު ހަރުދަނާކުރުމުގެ ގޮތުން ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ގާޑަނިންގ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މި ނާސަރީތަކުގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މި ނާސަރީތަކަކީ ދިގުމުއްދަތަކަށް ރަށާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތްތަކެކެވެ. މީގެ ސަބަބުން ރަށު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، އިޤްތިޞާދީ ގޮތުން ރަށްރަށަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅު ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.