ހދ. ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ ހިރިމަރަދޫގެ ބައި ހިމަނައިގެން: އެލްޖީއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ހދ. ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ ހިރިމަރަދޫގެ ބައި ހިމަނައިގެން: އެލްޖީއޭ

ހދ. ހަނިމާދޫ ކައުންސިލަށް ކުރިއަށް އޮތް ޖުލައި މަހު ގްރާންޓު ދޫކުރާއިރު، އެ އަތޮޅު ހިރިމަރަދުއަށް ކަނޑައަޅާފައިވާ ގްރާންޓުވެސް ހިމަނައިގެން ދޫކުރާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ. މިގޮތަށް ނިންމާފައިވަނީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެންނެވެ.

ސަރުކާރުގެ ނިންމުމާ އެއްގޮތަށް، އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލާއެކު ހިރިމަރަދޫގެ ރައްޔިތުން މިހާރު އިދާރީގޮތުން ބަލަނީ ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައެވެ. މިފަހަރު ބޭއްވުނު ކައުންސިލް އިންތިޚާބުގައިވެސް ހިރިމަރަދޫ ރައްޔިތުން ވޯޓު ދީފައިވަނީ ހަނިމާދޫ ކައުންސިލް އިންތިޚާބު ކުރުމަށެވެ. އަދި ހިރިމަރަދޫ މިހާރު ހަމަޖައްސާފައިވަނީ ހަނިމާދޫގެ އަވަށު އޮފީހެއްގެ ގޮތުގައެވެ.

ހަނިމާދޫ ކައުންސިލުން އިއްޔެ ވަނީ ހިރިމަރަދޫގެ ކަންކަން ބެލެހެއްޓުމުގައި ބަޖެޓުގެ ދަތިކަން ހުރިކަން ހާމަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކައުންސިލުން ވިދާޅުވި ގޮތުގައި ހިރިމަރަދޫގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން ވަކި ބަޖެޓެއް ދީފައިނުވާތީ، ޖޫން މަހުގެ ޚަރަދުތައް ހަމަޖެއްސީ ހަނިމާދުއަށް މިއަހަރު ލިބުނު ގްރާންޓުގެ ތެރެއިންނެވެ. އެގޮތުން މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުތަކަށް ޖޫން މަހު 267,780.43 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެލްޖީއޭ އިން ވިދާޅުވީ، މިއަހަރުގެ ބަޖެޓު ކުރިން އެކުލަވާލާފައިވަނީ ހަނިމާދޫ އާއި ހިރިމަރަދޫ އަކީ އިދާރީ ގޮތުން ވަކި ދެ ރަށެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ދެ ރަށް އެއްކޮށްލުމަށް ނިންމުމާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރި ކަމަށާއި، އެ މަސައްކަތްތައް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށް އެލްޖީއޭ އިން ވިދާޅުވިއެވެ.

އެލްޖީއޭ އިން އިތުރަށް ވިދާޅުވީ، ގްރާންޓު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހަނިމާދޫ ކައުންސިލަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އެހެންކަމުން ޖުލައި މަހުން ފެށިގެން ހަނިމާދޫ ކައުންސިލަށް ލިބޭ ފައިސާގެ ތެރޭގައި ހިރިމަރަދޫގެ ބައި ހިމެނިގެންދާނެއެވެ.

މިއަދު އޮންލައިން