ޢިބްރަތްތެރި ވާހަކަ: ލިބިފައިވާ ދަރިންނަށްޓަކައި އާދޭސްކުރުމުންވެސް ގޮތްދޫނުކޮށް ފިރިމީހާޢާ ގުޅުނު އަންހެނަކަށް ހަމައެޙާލުޖެހިގެން އެއަންހެންމީހާގެ ގާތަށް އެހީއަށް އެދި ދާންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 36ސ
ޢިބްރަތްތެރި ވާހަކަ: ލިބިފައިވާ ދަރިންނަށްޓަކައި އާދޭސްކުރުމުންވެސް ގޮތްދޫނުކޮށް ފިރިމީހާޢާ ގުޅުނު އަންހެނަކަށް ހަމައެޙާލުޖެހިގެން އެއަންހެންމީހާގެ ގާތަށް އެހީއަށް އެދި ދާންޖެހުނު ގޮތުގެ ވާހަކަ-

މިއީ ކޮންމެ އަންހެނަކުވެސް ވިސްނައިލުން މުހިންމު ޙާދިސާއެކެވެ. ދަރިން ލިބިފައިވަނިކޮށް ފިރިމީހާއާއި ގުޅޭއިރު އެކަމުން ނުކުމެދާނެ ނަތީޖާއަށެވެ. ތިމާއަށްޓަކައި ދަރިންގެ މަންމަ ނިކަމެތިކޮށްލި މީހަކު ތިމާވެސް ނިކަމެތިކޮށްލައިފާނެކަމާއިމެދު ނުވިސްނައި ގުޅެވޭތީއެވެ.  

ގިނަ ޢިލްމުވެރިން ވަރަށް ޔަޤީންކަމާއިއެކު ވިދާޅުވާ ބަސްފުޅެއް އޮވެއެވެ. އެބަސްފުޅަކީ "ގިނަ އަންހެނުން އެކަނިވެރިކުރުވަނީވެސް އަދި އެކަނިވެރި މައިންނަށް ހަދަނީވެސް ހަމަ އަންހެނުންނެވެ. ޙައްލު ހޯދަން ބޭނުންނަމަ ފުރަތަމަ ކަމަކަށް އަންހެނުން، އަންހެނުންނަށް އަނިޔާކުރުން ހުއްޓައިލާށެވެ!"  

މާނައަކީ ގިނަ ކައިވެނިތައް ރޫޅެމުންދަނީ ކޮންމެވެސް އަންހެނަކު އެކަމުގައިވެރިވެގެން ކަމެވެ. އޭނާގެ ފިރިމީހާ އާއި ކޮންމެވެސް އަންހެނަކު ގުޅުމުން ކަމެވެ. މިގޮތުން ގުޅޭ ގިނަ އަންހެނުންނަށްވެސް ކުރިމަތިވަނީ ހަމައެދަތުރެވެ. އެކަން އެނގިތިބެވެސް މީހުންގެ ފިރިންނާއި ގުޅެނީއެވެ. 

ތިރީގައިވާ ވާހަކައަކީވެސް އަންހެނެއްގެ ދިރިއުޅުމުގެ ތެރެއަށް ވަން އަންހެނަކަށް ހަމަ އެޙާލުގައި ޖެހުމުން ކުރިން ތިމާއަށް އާދޭސްކުރި އަންހެން މީހާގެ ގާތަށް އާދޭސްކުރަންދާންޖެހުނު އަންހެނެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ.

އަޅުގަނޑު މިވާހަކަ ކިޔައިދޭން މިފަށަނީ ވަރަށް ލަދުވެތިކަމާއިއެކުގައެވެ. އެއީ އަންހެނަކަށްވެ ހުރެ އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ވަދެނުގަނެ ދޫކޮށްލައިދޭތޯ އަންހެނެއްގެ ގާތުން ސަލާންޖެހި ވާހަކަ ބުނަން ޖެހޭތީއެވެ. ނަމަވެސް އެކަން ކުރަންޖެހުމުން އެކަންކުރީމެވެ. އެކަން ކުރަންޖެހުނީ އަޅުގަނޑަށް ލިބިދާނެ ދެރައަކަށްވުރެ މާބޮޑަށްވެސް ދެމަފިރިންނަށް ލިބިފައިވާ 2 އަހަރު ނުވާ ކުޑަ ދަރިފުޅަށް އޭނާގެ ބައްޕަ ގެއްލެން ބޭނުންނުވާތީއެވެ.  

އަޅުގަނޑު ވަރިކޮށްފިނަމަ އިން ޝާ ﷲ ފިރިއަކު ލިބޭނެއެވެ. ނަމަވެސް ދެވަނަ މީހަކީ ދަރިފުޅުގެ ބައްޕަކަމަށް ހެދޭނެ އެއްވެސް ގޮތެއް ނުއޮންނާނެތީއެވެ. އޭނާ ގޭގައި އުޅެނިކޮށް ގޮސް ދެފައިގައި ހިފައި ސަލާން ޖަހައި އާދޭސްކުރީމެވެ. "ތިބާ ބޭނުންވަނީ އަހަރެންގެ ފިރިމީހާ ފަދަ ތަނަވަސް މީހަކު ނަމަ ތަނަވަސް މީހަކުވެސް ހޯދައިދޭން މަސައްކަތްކޮށްފާނަމެވެ. އަހަރެމެންގެ ދަރިފުޅަށްޓަކައި ދަރިފުޅާއި ދަރިފުޅުގެ ގުޅުން ކަނޑުވައިނުލާށެވެ."

ރޮއި ކަރުނައަޅައި އާދޭސްކުރުމުން ޖަވާބެއްވެސް ނުދީ ގޭގެ ދޮރު ލެއްޕީއެވެ. އެއިގެ ފަހުން 2،3 ދުވަސްތެރޭ ވަރިކޮށްފައި ގެއިން ނެރެލައިފިއެވެ. އެއީ އަޅުގަނޑަށް މައްސަލައެއް ނޫނެވެ. އަޅުގަނޑުގެ މައިންބަފައިންނަކީވެސް ގެދޮރުހުރި ތަނަވަސް ބައެކެވެ. ވީމާ އަޅުގަޑަށް ވާނެ ދައްޗެއް ނެތެވެ. ހަމައެކަނިވާނެ ކަމަކީ ދަރިންނަށްް ބައްޕަގެ ލޯބި ނުލިބުމެވެ.  

ޢިއްދަ ހަމަވިތަނާހެން ދޮށީ ބޭބެ އެދުނީ އޭނާގެ އެކުވެރިއަކާއި ކައިވެނިކުރުމަށެވެ. މައިންބަފައިންވެސް އެކަމަށް ރުހުމުން ކައިވެނިކުރީއެވެ. އޭނާއަކީވެސް ހަމަ އަމިއްލަ މަސައްކަތުން ދިރިއުޅޭ ތަނަވަސް މީހެކެވެ. ދެފިރިންގެ ތަނަވަސް އަޅުވައިކިޔާކަށް ނެތީމެވެ.  

ނަމަވެސް އަޅުގަނޑަށް އަޅައިލުމާއި ލޯބި ދިނުމުގައި ދެވަނަ ފިރިމީހާ އަޅުގަނޑަށް ރަނގަޅެވެ. މާހެޔޮކޮށް ކަންތައް ކުރެއެވެ. މާގިނަ ވަގުތުވެސް އަޅުގަނޑާއި އަދި ދަރިފުޅާއިވެސް އެކުގައި ހޭދަކުރެއެވެ.  

ކޮންމެއަކަސް އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް 3 ވަނަ އަހަރު ކުރީގެ ފިރިމީހާގެ އަނބިމީހާ އަޅުގަނޑާއި ބައްދަލުކުރިއެވެ. އޭނާގެ ވާހަކަ ކިޔައިދިނެވެ.  

"އަހަރެންނަކީ އޭނާގެ މުވައްޒިފަކީމެވެ. އަހަރެންނަށް އޭނާ ދެކެ ލޯބިވެވުނީ 2 އަހަރު ވަންދެން ވަރަށް ހެޔޮކޮށް ކަންކަން ކޮށްދީ މުސާރައިގެ އިތުރުން އެތައް ބައިވަރު ރުފިޔާވެސް ޚަރަދުކުރުމުން އަހަރެންދެކެ އޭނާ ލޯބިވާކަމަށް ހީކުރެވިގެންނެވެ. ދިރިއުޅުމުގައި އެފަދަ ތަޖުރިބާއެއް އެހައިތަނަށް ކުރެވިފައި ނެތުމުން ތިބާ އެދުވަހު ދެއްކި ވާހަކަތަކުގެ އަގުވަޒަން ނުކުރެވުނީއެވެ. ދަރިއަކު އޮއްވައި ވަރިކޮށްލުމުން ކުރާނެ އަސަރު ނުވެސް ވިސްނުނީއެވެ.  

އަހަރެންނަށްވެސް މިޖެހުނީ ހަމަ ކަލެއަށްވެސް ޖެހުނު ޙާލެވެ. ދަރިއަކު ލިބި އަހަރު ނުވަނީސް އެހެން އަންހެނަކާއި ކައިވެނިކުރަން އަހރެން ވަރިކޮށްލައިފިއެވެ. މިވާހަކަ ދައްކަން ވަރަށް ލަދުވެސް ގަނެއެވެ. އެއީ އެދުވަހު ކަލެއާއިމެދު ކަންތައް ކުރެވުނު ގޮތުންނެވެ.

އަހަރެންނަކީ ތިބާ ފަދަ ތަނަވަސް ޢާއިލާއަކަށް ނިޞްބަތްވާ އަންހެނަކީމެއް ނޫނެވެ. ވީމާ ވަރިކޮށްލުމުން މިއުޅެނީ ވަރަށް ދަތިޙާލުގައެވެ. ދަރިފުޅަށް ބޭނުންވާ ކަމެއް ކޮށްދެނީވެސް އާދޭސްކުރާތާ އެތައް ދުވަހެއް ފަހުންނެވެ. ވީމާ ތިބާގެ ގާތަށް މިއައީ އެދުވަހު ތިބާ އާއިމެދު ކަންކަން ކުރެވުނު ގޮތުގެ ހަނދާނުގެ އިތުރުން އެދުވަހު ތިބާ ބުނި ބަހެއް ހަނދާންހުރުމުންނެވެ. އެއީ ކައިވެނިކުރާނެ މީހަކު ހޯދައިދޭން މަސައްކަތްކޮށްދޭނެ ކަމަށް ބުނި ހަނދާނެވެ. ލަދުގަންނަން މިޖެހެނީ ތިބާ އެދުވަހު ކުރި އާދޭހުގެ އަޑު ނުއަހައި ތިބާއަށް ކޮޅުކެހި ދީފައި މިއަދު ތިބާގެ އެހީތެރިކަމަށް އެދެންޖެހުމުންނެވެ.  

މިހެން ބުނާއިރުވެސް އެނގެއެވެ. އަހަރެންނަށް މާފުކުރުމަކީ ކުރަން އެހައި ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމާއިއެކުވެސް މާފުކޮށްދިނުން ވަރަށް ބޮޑަށް އެދެމެވެ. އަދި ތިބާއަށް ވާން އޮތްނަމަ އަހަރެންގެ ކުޑަކުޑަ ދަރިފުޅަށްޓަކައި ނަމަވެސް، ފަޤީރަސް އަޚްލާޤް ރަނގަޅު ފިރިއަކު ލިބޭތޯ ބަލައިދީބަލާށެވެ."  

އަޅުގަނޑު އޭނާއަށް މާފުކުރީމެވެ. އަދި ހިތްވަރުވެސް ދިނީމެވެ. ޞަދަޤާތެއްވެސް ކުރީމެވެ. ފަހުން ބައްދަލުކުރަންވެސް ބުނީމެވެ. އަޅުގަނޑުމެންގެ މަންމަ ދަރިން ތަރުބިއްޔަތުކޮށްފައި ތިބީ މާފުކުރަން ކެރޭނެ ގޮތަށެވެ.  

ފިރިމީހާ ގާތު އެވާހަކަ ދެއްކުމުން ބުނީ އެހެން މީހުންނަށްވުރެ ބޮޑަށް އޭނާއަށް ހެޔޮކޮށްހިތަންވާނެކަމަށެވެ. އެއިރުން ދެއްވަވާ ޘަވާބު މާގިނަވާނެ ކަމަށެވެ. އެހެން ބުނެފައި ފިރިމީހާގެ މުވައްޒިފަކާއި އޭނާގެ ކައިވެނިވެސް ހަމަޖައްސައިދިނެވެ. ކައިވެނީގެ ޚަރަދުތައް ކޮށްދިނީވެސް ފިރިމީހާއެވެ.  

އަޅުގަނޑު އޭނާއަށް ހިތްބުރަކަމެއް ނުބާއްވަމެވެ. ދަރިފުޅާއިއެކު ގެއަށް ގެނެސް އެއްބަފާ ދެބެއިންގެ ހިތުގައި އެކަކު އަނެކަކަށް ލޯބި އުފައްދުވަން މަސައްކަތްވެސް ކުރަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނާނެ މާގިނަ ވާހަކައެއް ނެތެވެ. ހަމައެކަނި ބުނެލަން ބޭނުންވަނީ ދަރިން ލިބިފައި ތިބޭ ދެމަފިރިންގެތެރެއަށް ތޮރުފިގަންނައިރު ލޯވަޅު މިއެޅެނީ އަމިއްލަ ހަށިގަނޑުގައި ނުވަތަ އަމިއްލަ ހިތުގައިކަމަށް ވެދާނެ ކަމަށްވެސް ވިސްނައިލުން ރަނގަޅުވާނެއެވެ. އަނިޔާ ލިބުނު މީހާގެ ގައިގައި އެޅުނު ލޯވަޅަށްވުރެ މާބޮޑު ލޯވަޅެއް މިފަހަރު މިއޮތީ އަމިއްލަ ގައިގައި އެޅިފައެވެ.

 

- ވާސިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން