އިސްކަންދަރު ވޯރކް ޔޫނިއަން ނުހިންގަން އެންގީ އެ ޔޫނިއަންގެ ނަން ޤަވާއިދާއި ޚިލާފުވުމުން ކަމަށް، ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރު މަޢުރޫފް ސުވާލުކުރައްވާފައި ވަނީ، އިންޑަސްޓްރިއަލް ޤާނޫނުގެ ދަށުން ޔޫނިއަން ހަދާ ހިންގުމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް ލިބޭ ހައްގެއް ކަމަށް ވާއިރު، އިސްކަންދަރު ސްކޫލްގެ ޓީޗަރުން އުފައްދާފައިވާ ޔޫނިއަން ބަލައިނުގަންނާނެ ކަމަށާއި، އެ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގޭނެ ކަމަށް ސްކޫލްގެ ޕްރިންސިޕަލް އަންގާފައި ވަނީ ކޮން ޤާނޫނެއްގެ ދަށުންތޯ ސާފުކުރުމަށެވެ.
މި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ، ޔޫނިއަން ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ޔޫނިއަންތައް އުފެއްދޭނެ ގޮތާއި ހިންގޭނެ ގޮތުގެ މައުލޫމާތު ސާފުކޮށް ހިމަނާފައިވާ ކަމަށެވެ. އެގޮތުން އެ ޤާނޫނުގެ 12 ވަނަ މާއްދާގެ 'ހ'ގެ 4 ވަނަ ނުކުތާގައި، ދިވެހި ދައުލަތާއި، ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާފަދަ ނަމެއް ޔޫނިއަންއަކަށް ބޭނުންނުކުރެވޭނެކަން ބަޔާންކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އިސްކަންދަރު ނަން ބޭނުންކޮށްގެން މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން، ސްކޫލެއްގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދިދާނެކަމަށް ޤަބޫލުނުކުރަން. ރަޖިސްޓްރީކޮށްފައި އޮތީ ރަނގަޅަށް ކަމަށް ޤަބޫލެއް ނުކުރަން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އާއްމު ކުންފުނިތަކާއި ޚިލާފަށް ސްކޫލްތަކަކީ ޚާއްސަ ހިފެހެއްޓުމާއި ސިފަތަކެއް ލިބިގެންވާ ތަނެއް ކަމަށާއި، އެ ތަންތަނުގައި ހިފަހައްޓަން ޖެހޭ މަސްލަހަތު ވަރަށް ބޮޑު ކަމަށެވެ. އަދި މި މައްސަލަ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް ހުށަހަޅުއްވާނެކަމަށް ވެސް ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.