15 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދަނީ: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
15 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދަނީ: ވަޒީރު ޝިޔާމް

ރާއްޖޭގެ 5 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކޮށް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި، އިތުރު 15 ރަށެއްގައި އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވީއިރު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސް ޕްރޮސެސްކުރުމާއި މަސް ރައްކާކުރާނެ ސްޓޯރޭޖުގެ ދަތިކަން ކަމަށެވެ. އެހެންކަމުން، ސަރުކާރުން މިހާރު އަންނަނީ އެ މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ގއ. ދެއްވަދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ށ. ފުނަދޫ، ދ. މީދޫ، ދ. ބަނޑިދޫ އަދި ގއ. ގެމަނަފުށީގައި 30 ޓަނުގެ އައިސްޕްލާންޓްތައް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް ހުރި މަޝްރޫޢުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި އަހަރުގެ ނިޔަލަށް މ. ވޭވަށުގައި 60 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަދި ލ. މާބައިދޫގައި 25 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ.

އިތުރު 15 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "އިތުރު 15 ރަށުގެ އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައި. އެކި ސައިޒުގެ އައިސްޕްލާންޓް ޤާއިމްކުރަނީ ރައީސް ވެވައިޑައިގެންފައިވާ ވައުދުތަކާއި ކޮމިއުނިޓީތަކުގެ އެދުމާއި އެއްގޮތަށް." ކަމަށެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓުމަށާއި، މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން