ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ސްޓޭކް ހޯލްޑަރުންގެ މެދުގައި އޮންނަ އިތުބާރަކީ އެންމެ މުހިންމުކަންތައް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ސްޓޭކް ހޯލްޑަރުންގެ މެދުގައި އޮންނަ އިތުބާރަކީ އެންމެ މުހިންމުކަންތައް: ވަޒީރު

ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ސްޓޭކް ހޯލްޑަރުންގެ މެދުގައި އޮންނަ އިތުބާރަކީ އެންމެ މުހިންމު ކަންތައް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑުން އެކުލަވާލާފައިވާ "ދިނަފް-48" ތަޢާރަފްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ކުދި މުޖުތަމައުތަކުގައި މަސައްކަތްކުރާ އެކި ފަރާތްތަކުގެ މެދުގައި އިތުބާރު އޮތުމަކީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް އޮތް އެންމެ ބޮޑު ބާރު ކަމަށެވެ. އަދި އެ އިތުބާރު ދެމިނޯންނަ ހާލަތްތަކުގައި މަސައްކަތުގެ ސްޕީޑް ދަށްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވިޔަފާރިކުރުމުގައި އިތުބާރު އޮވެއްޖެ ނަމަ ވިޔަފާރި ކުރިއަރައިދާ މިންވަރު ހާމަކޮށްދެއްވުމަށް ވަޒީރު މިސާލެއްގެ ގޮތުގައި ދެއްކެވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ހަރުމުދަލަށް ފަންޑުކުރުމުގެ ޑިމާންޑް ބޮޑު ނަމަވެސް، ރާއްޖޭގައި ޓްރޭޑްކުރުމުގެ ނުވަތަ ވިޔަފާރި މުއާމަލާތްތައް ފުޅާކުރުމުގެ ސިނާއަތް އެދެވޭ ގޮތެއްގައި ކުރިއަރަމުން ނުދާތީ ވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ޓްރޭޑް ސެކްޓަރ އޭގެ ޒާތުގައި ކުރިއަރައިގެނެއް ނުދޭ. އެއަށް ވުރެ ބޮޑަށް ފަތުރުވެރިކަމަށް ވާގިވެރިވާ ސިނާއަތެއްގެ ގޮތުގައި އޮތީ" ވަޒީރު ސައީދު ވިދާޅުވިއެވެ. މީގެ މާނައަކީ ވިޔަފާރީގެ ދާއިރާ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބަދަލުގައި ބޮޑަށް ބަރާސާވެފައި އޮތީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޓްރޭޑް ފެސިލިޓޭޓްކުރުމަށް ނުވަތަ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެކި ސިނާއަތްތައް ކުރިއަރުވައި، ވިޔަފާރިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ޚާއްސަ ސަމާލުކަމެއް ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން