އެއްވެސް ޙާލެއްގައި މިއީ ހުރިހާ ފިރިން މިގޮތަށް ކަންތައް ކުރާނެ ކަމަށް ބުނުމެއް ނޫނެވެ. އަދި އެއްވެސް ފިރިއަކު މިގޮތަށް ކަންތައް ނުކުރާނެކަމަށް ބުނުމެއްވެސް ނޫނެވެ. ކުރިމަތިވުން ގިނަ ކަމަކަށްވެފައިވާކަން ޤަބޫލުކުރަންޖެހެއެވެ.
ވިސްނައިފިނަމަ މިއީވެސް ވަރަށް ތަފާތު ޙާދިސާއެކެވެ! ކިޔުންތެރިޔާ ބުނެފައި އެވަނީ ހަމަ ރަނގަޅަށެވެ. އަނބިމީހާ ދެކެ ލޯބިނުވިޔަސް ހިތެއް އޮވެފައި އެހިތަށް އެއްވެސް ވަރަކަށް އަސަރުކުރާ މީހަކު މިފަދަ ކަންކަމެއް ނުކުރާނެއެވެ. ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!
މިހާރު މިކިޔާ ގޮތަށް ބުނާނަމަ އަޅުގަނޑުމެންވެސް ކައިވެނިކުރީ ވަރަށް ލޯބިން 3 އަހަރު އެކުގައި އުޅެފައެވެ. ދެމީހުންވެސް ވަޒީފާ އަދާކުރަމުއެވެ. އުފަލުގައި ދިރިއުޅެލެވޭ ވަރަށް ފައިސާވެސް ލިބެއެވެ.
ކައިވެންޏަށް 2 ވަނަ އަހަރަކު ދަރިއަކުވެސް ލިބުނެވެ. ދަރިފުޅު ލިބުމުންވެސް ދިރިއުޅުނީ ވަރަށް ލޯބިންނެވެ. އެގޮތަށް އުޅެމުން ދަނިކޮށް ދަރިފުޅަށް 6 މަހުގައި ފިރިމީހާ ވަރަށް ބޮޑު އެކްސިޑެންޓެއްވިއެވެ. ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ހިނގައެއް ނުއުޅެވެއެވެ. ފުއްޕާމެއަށް މޭގެ ދެކަށިގަނޑު ހެރުމުން ލިބުނު އަނިޔާގެ ސަބަބުން ވަރަށް އަވަހަށް ވަރުބަލިވެއެވެ. ގިނައިން އޮންނަން ޖެހެނީ އޮށޯވެގެންނެވެ.
ފިރިމީހާގެ ވަޒީފާވެސް ގެއްލުނެވެ. ފިރިމީހާގެ ޢާއިލާއިން ޙާލުބަލަން ފޯނުކުރުން ނޫން ކަމެއް ނުކުރެއެވެ. މިދެންނެވީ އެއްވެސް ގޮތަކުން އެހީތެރިނުވާ ވާހަކައެވެ. އެކަމަކަށްވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އަޅުގަނޑަށް ލިބޭ މުސާރައިން ދިއައީ ފުއްދަމުންނެވެ. ކިތަންމު ބޭނުންވިނަމަވެސް ނުކުރެވޭ ކަންކަން ނުކޮށް ބަހައްޓަނީއެވެ.
ބޭސްފަރުވާކުރަމުންގޮސް އެކުގައި ރަނގަޅުވެ މަސައްކަތަށް ނުކުމެވޭވަރުވީ 4 އަހަރުފަހުންނެވެ. ވަޒީފާއަށް ނުކުންނަން ފެށިތާ 3 މަސްވެސް ނުވަނީސް ލޯމައްޗަށް ފެނުނީ ބޮޑު ޠޫފާނެކެވެ. އޮފީހުގައި އުޅެފައި ކުއްލިއަކަށް ކަމެއް ޖެހިގެން ގެއަށް އައިއިރު ފިރިމީހާވެސް އޮފީހން އައިސް ގޭގައި އުޅެއެވެ. ކޮޓަރިއަށް ވަންއިރު އެނދުގައި އޮތީ އެއިގެކުރިން ނުދެކޭ ޒުވާން އަންހެން ކުއްޖެކެވެ. އެނދުގައި އޮތުމުން ރުޅިގަދަވެ ސުވާލުތައް ކުރުމުން އެނގުނީ ފިރިމީހާގެ ލޯބިވެރިޔާކަމެވެ.
އެވަގުތު އަޅުގަނޑަށް ބުނެވުނެވެ. "4 އަހަރުވަންދެން އެނދުގައި ބާއްވައިގެން ކޮށްދިން ޚިދުމަތުގެ އަގު ވަރަށް ރަނގަޅަށް ލިބިއްޖެއެވެ. އަވަހަށް ވަރިކޮށްފައި މިގެއިން ނުކުންނާށެވެ."
އެގޮތަށް ބުނުމުން ފިރިމީހާ ވަރަށް ގިނަ ބަހަނާތައް ދެއްކިއެވެ. އެކަނި ދަރިފުޅު ނުބެލޭނެ ކަމަށްވެސް ބުންޏެވެ. އަދި މާފަށްވެސް އެދުނެވެ. އަޅުގަނޑު ބުނީމެވެ. "މާފުކުރިޔަސް ކަލޭވާނީ ހަމަ ކަލެއަށެވެ. ކަލޭގެ ކިބައިން މިފެނުނީ ހިތެއް އޮވެ އެހިތަށް އަސަރުކުރާ އިންސާނުންގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫނެވެ. އަހަރެންދެކެ ލޯބި ނުވިނަމަވެސް 4 އަހަރު ވަންދެން މިވީ ޤުރްބާނީއަށްޓަކައިވެސް ތިއަގޮތަށް ކަންތަކެއް ނުކުރާނެއެވެ. ދަރިފުޅު ދެކެ ލޯބިވާކަމަށް ހެދެން ނުއުޅޭށެވެ. ދަރިން ދެކެ ލޯބިވާ ބައްޕައިން ފިރަތަމަ ލޯބިވާނީ މައިމީހާ ދެކެއެވެ. އަދި މިދިއަ 4 އަހަރު ދުވަހު އެކަނި ދަރިފުޅު ގެންގުޅުނުގޮތަށް ދެންވެސް ނުގެންގުޅެވެންވީ ކީއްވެގެން ހެއްޔެވެ؟ ވީމާ ބަހަނާތައް ނުދައްކައި އަވަހަށް މިގެއިން ނުކުންނާށެވެ. ރަނގަޅި ވަރިކޮށްފައި ނުކުތިއްޔާއެވެ. ނޫންނަމަ ކޯޓަށް ގޮސްގެންވެސް ވަރިވާނަމެވެ."
އޭނާ ގެއިން ދިއައީ ވަރިނުކޮށެވެ. އެނބުރި އައުމުގެ އުންމީދުގައެވެ. ނަމަވެސް އެފުރުޞަތު ދެން ނުދޭނެކަން އެނގުމުން 5 މަސް ފަހުން ވަރިކުރިއެވެ. ވަރިކުރުމުން ދެވަނަ ކައިވެނިކުރީމެވެ. ދެވަނަ ކައިވެނީގައި މިހާރު 8 އަހަރުވީއެވެ. އަދި މިއުޅެވެނީ ހަމަ އުފަލުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގެ ތަޖުރިބާއެވެ. ބުނެލަން ބޭނުންވަނީ މިހާރުގެ ގިނަ ފިރިންނަށް ހެޔޮކޮށް ހިތުން މިވަނީ މިނިކާވަގަކަށް ކާންދީ ބޮޑުކުރުން ފަދަ ކަމަކަށެވެ. ހަމަ އަތުގަ ޖެހޭއިރަށް ބޮޑުކުރިމީހާ ކައިލާނެއެވެ!
- ސިތުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް