މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާތަކުން ބަލައިގަންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބު: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާތަކުން ބަލައިގަންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބު: ވަޒީރު

މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާތަކުން ބަލައިގަންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ދިވެހިން ހޯދުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް މިހާރު ގެންނަމުންދާ ބަދަލުތަކާއެކު އެ ދާއިރާއަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ ކަމަށެވެ.

ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އާއްމުކޮށް ކުރާ ދޮށީގެ މަސްވެރިކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި މަދުން ނޫނީ ނުކުރާ، ތަފާތު މަސައްކަތެކެވެ. އެހެންކަމުން މި ސިނާއަތުގައި މީހުން ދެމިތިބޭނެ މަގުފަހިކުރުމަކީ އުނދަނގޫ ކަމެއް ނަމަވެސް، ދޮށީގެ މަސްވެރިކަން ކުރިއެރުވުމަށް ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު މަސައްކަތެއް ކުރާ އެއް ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން މަސްވެރިކަމުގެ ދާއިރާގައި މުޅި އުމުރު ހޭދަކުރި ނަމަވެސް، އެއީ ދައުލަތުން ބަލައިގަންނަ ޚިދުމަތެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންނަކީ ރާއްޖޭގެ މާލީ ނިޒާމު ދަންނަ ބަޔަކަށް ނުވުމަކީ ޒުވާނުން އެ ދާއިރާއަށް ޝައުގުވެރިނުވާ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި، މާލީ ނިޒާމުގެ ތެރެއަށް މަސްވެރިންނާއި ރައްޓެހި އުސޫލުތަކެއް ތައާރަފްކޮށްފައެވެ. "މަޑުމަޑުން އެބަ ރަނގަޅުވޭ. އަޅުގަނޑުމެން މަސްވެރިންގެ ދަފްތަރެއް އެކުލަވާލާ މާލީ ނިޒާމާއި އިންސްޓިޓިއުޝަންތަކުން ބަލައިގަންނަ ބަޔަކަށް މަސްވެރިން ހެދީ،" ވަޒީރު ވިދާޅުވިއެވެ.

މި ބަދަލުތަކާއެކު މިހާރު މަސްވެރިންނަށް ބޭންކިންގ އަދި ފައިނޭންސިންގ ފަދަ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ މަސްވެރިކަމުގެ ސިނާއަތަކީ ޕްރޮފެޝަނަލް އަދި އިތުބާރު އޮތް ދާއިރާއަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިއަދު އޮންލައިން