ހދ. ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ތެރެއިންނެވެ.
އާބާދީ މަދުވުމުގެ ސަބަބުން ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވީ އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫން ކަމަށް ކަނޑައެޅުއްވުމަށް ވަނީ ނިންމަވާފައެވެ. މިއާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ މިހާރު ވަނީ އުނިކުރައްވާފައެވެ.
ސަރުކާރުން ގެންނެވި ބަދަލުތަކާއެކު، ހިރިމަރަދޫ ރައްޔިތުން އިދާރީގޮތުން މިހާރު ހިމަނާފައިވަނީ ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައެވެ. އަދި ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އެރަށުގެ ރައްޔިތުން ވޯޓު ދީފައިވަނީވެސް ހަނިމާދޫ ކައުންސިލް އިންތިޚާބު ކުރުމަށެވެ.
ހަނިމާދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ހއ. ހޯރަފުށީ ކައުންސިލުގެ އާންމު ޖަލްސާއެއްގައި ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން އެ ރަށަށް ބަދަލުވާން އެދޭ ފަރާތްތަކަށް ރަސްމީކޮށް ދަޢުވަތު ދީފައިވާ ކަމަށެވެ. އެހެންކަމުން، ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ ރައްޔިތުން ނަން ނޯޓުކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ. ބަދަލުވާން ބޭނުންވާ ފަރާތްތަކުން ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ ނުވަތަ މިހާރުގެ ހަނިމާދޫ އަވަށު އޮފީހުގައި ނަން ނޯޓުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.