މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އއ. މާޅޮހު ކައުންސިލާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މާޅޮހަށް ދިމާވެފައިވާ ތިމާވެށީގެ އެކި މައްސަލަތަކަށް ހައްލު ހޯދުމުގެ މަގުސަދުގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މާޅޮހަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި، ރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ. މިގޮތުން، ރަށުގެ ގޮނޑުދޮށް ގިރުމުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.
މީގެ އިތުރުން، ރަށުގައި އުފެދޭ ކުނި ނައްތާލުމާއި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަދެކެވިފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، ރަށްރަށުގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި، މާޅޮހު ކައުންސިލުން ހުށަހެޅި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްގިރުމުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހަބަރު: ސަރުކާރު