ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް އެކި ބޭނުންތަކަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި، ކޮންމެ ހަފްތާއަކު ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު މިހާރަށްވުރެ ޖުމްލަކޮށް 25 އިންސައްތަ އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ދިނުމަށެވެ. މިއީ ބޭންކިންގ ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އެމްއެމްއޭއިން އެޅި ވަގުތީ ފިޔަވަޅެކެވެ.
މި އަހަރުގެ ފުރަތަމަ ފަސްމަސް ދުވަހު އެމްއެމްއޭއިން ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާގެ މިންވަރު، 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 އިންސައްތަ އިތުރުވެފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. މީގެ ތެރެއިންވެސް ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވަނީ ބޭސްފަރުވާއާއި ތައުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭސްފަރުވާއަށާއި ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭ އިން ވިއްކި ބޭރު ފައިސާގެ އަދަދުވެސް ވަނީ 30 އިންސައްތަ އިތުރުވެފައެވެ.