ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑައިރެކްޓަރ އަޙްމަދު މުބީންއެވެ.

މި މަޝްރޫޢުގެ ދަށުން ފުނަދޫގައި 40 މީހުންގެ ޖާގައިގެ ދެ ފަންގިފިލާގެ ޢިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޢިމާރާތުގައި ސިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހެއްގެ އިތުރުން ޒަރޫރީ އެހެނިހެން ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، އިސްރަށްވެހިންގެ ރިކްރިއޭޝަން ހަރަކާތްތަކަށް ހާއްސަ ސަރަހައްދެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.

ޖުމްލަ 37.46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

4186 މީހުންގެ އާބާދީއެއް އޮންނަ ފުނަދޫގައި މި ހިޔާވަހި ޤާއިމުކުރުމުން، ރަށުގެ އިސްރަށްވެހިންނަށް ރަށުގައި ތިބެގެން ފުޅާ ދާއިރާއެއްގައި ސިއްޙީ ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މީގެ ސަބަބުން އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާޢީ ގޮތުން ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިއަދު އޮންލައިން