ވިލިނގިލީގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަން އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ވިލިނގިލީގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަން އެއްބަސްވުމުގައި ސޮއިކޮށްފި

ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް ގާއިމުކުރުމަށް ބޭނުންވާ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޢާޛު ޙަލީމެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ރިފާޢީ ބުޝްރީއެވެ.

މި މަޝްރޫއަކީ މި ދައުރުގެ ތެރޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، މިއީ ގއ. އަތޮޅުގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެވެ.

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތްތައް ނިންމާ ގޮތަށެވެ. މި ފަޔަރ ސްޓޭޝަން ގާއިމުކުރެވުމާ އެކު، އެ ސަރަހައްދުގައި ދިމާވާ އެކިއެކި އަލިފާނުގެ ހާދިސާތަކަށް މިހާރަށް ވުރެ އަވަހަށް އިޖާބަދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ނާއިބު ފާޠިމަތު މިޒުނާ ޢަލީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން އެމްއެންޑީއެފްގެ އިސްވެރިންނާއި އާރުޑީސީގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ. މީގެ ތެރޭގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސް ހިންގެވުމާ ހަވާލުވެހުންނެވި ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރާއި، ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ނަޞީރު ހިމެނިވަޑައިގަންނަވައެވެ.

މިއަދު އޮންލައިން