ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއް އޮންނާނެ ނިޒާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ 'ނޭޝަން ޗެޓް' ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ވަކިވަކި ރަށްތަކުގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވުމާއެކު، ދިވެހިން އެދެނީ އެއްބައިވަންތަ ދައުލަތެއް އޮންނާނެ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކަށް ވާއިރު، ވެރިކަމުގެ ނިޒާމަކީ އެ ސިފަތައް ދަމަހައްޓާނެ ނިޒާމަކަށް ވުމަކީ ދިވެހިން އެދޭ ގޮތް ކަމަށެވެ. ޤައުމުގެ އެއްބައިވަންތަކަން ބަދަލުކޮށްލާނެ ފަދަ ވެރިކަމުގެ ނިޒާމެއް ދިވެހިން ބޭނުންވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، "ދިވެހިން އެދެނީ އެ ޚާއްސަ ސިފަތައް ދަމަހައްޓަން. އެހެން ނިޒާމެއް ގެނެސްގެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. މަދު ބަޔަކު އެގޮތަށް ތާއީދުކޮށްފާނެ. އެ ޕާޓީއެއްގެ ލީޑަރުން އެގޮތަށް ނިންމީމަ."
މި ޕޮޑްކާސްޓުގައި ރައީސް ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާއި، ރައްޔިތުންގެ އިހުސާސްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.