ފުރަތަމަ މިކިޔައިދެނީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ދިރިއުޅުމުގަ ނަމޫނާދެއްކި ފިރިހެނެއްގެ ވާހަކައެވެ.
އެއީ ވަރަށް ލޯބިން އެކުގައި އުޅޭ ދެމަފިރިންނެވެ. ދެމަފިރިންވެސް އަނެކާދެކެ އިންތިހާއަށް ލޯބިވެއެވެ. ދެބަސްވެ ޒުވާބުކުރުމަކީ އެކަކުވެސް ދަންނަ ކަމެއް ނޫނެވެ.
ފިރިމީހާގެ މަންމައަށާއި ދައްތައަށްވެސް ދެމަފިރިންވެސް ވަރަށް ހެޔޮކޮށް ހިތައެވެ. އެހެންކަމާއިއެކުވެސް ދެމައިންނަކަށް އަނބިމީހާ ކަމަކު ނުދެއެވެ. އެއީ އަނބިމީހާހެ މައްޗަށް ބާރުފޯރުވަން އުނަދަގޫވީމައެވެ. ދަރިފުޅުދޭ ފައިސާއަށްވުރެ އިތުރަށް ބޭނުންވެގެން އަނބިމިހާގެ ކިބައިން އެދިއްޖެނަމަ އެވާހަކަ ފިރިމީހާގެ ގާތުގައި ބުނާތީއެވެ.
އެއިރު ބަނޑަށް 7 މަހެވެ. ފިރިމީހާ ގޭގައި ނެތި ދެމައިން އަންހެނަކު ގޮވައިގެން ގޮސް ބުނީ މިހާރުވެސް އަނބިމިހާގެ ސިފަ ވަރަށް ހުތުރުވެއްޖެ ކަމަށާއި އެހެންވެ މިއައީ ދެވަނަ އަންތބަކަށް ކައިވެނިކުރާނެ ރީތި އަންހެނަކު ގޮވައިގެން ކަމަށެވެ. އެކަމަށް ނުރުހޭނަމަ އަވަހަށް ގެއިން ނުކުމެގެން ދިއުމަށެވެ. ނުދިއަނަމަ މާނިކަމެތިޙާލުގައި ޖައްސުވާނެ ކަމަށެވެ. އެހެންބުނެފައި ނުކުރާ ފުރައްސާރައެއް ނެތެވެ. އެއިގެ އިތުރުން ކޮއްޕާ ވައްޓައިވެސްލިއެވެ.
ފިރިމީހާއަށް ގެއަށް އައުދެވުނުއިރު އަނބިމީހާ އިނީ ރޯށެވެ. މަންމަމެން ތިބީ ހޭނށެވެ. ބޮޑު ގޯހެއް ހިނގައިފިކަން ވިސްނި އަނބިމީހާ އާއި ސުވާލުކުރުމުން ދިއްކޮށްލީ އަނބިމިހާގެ ފޯނެވެ. ބުނީ ހިނގައިދިއަ ކަންކަމުގެ ވީޑިއޯ ބަލައިލުމަށެވެ.
ވީޑިއޯ ފެނުމުން ވަރަށް ޙައިރާންވެފައި ބުންޏެވެ. "މަންމާއެވެ! ދައްތާއެވެ! މިއޮތީ މާމައްޗަށް ދެވިފައެވެ. މަންމައަށް އަދާކުރަންޖެހޭ ޙައްޤުތައްވެސް އެނގޭތީ މިގެންދަނީ އަދާކުރަމުންނެވެ. އަދި ދައްތައަށްވެސް މިގެންދަނީ ހެޔޮކޮށް ހިތަމުންނެވެ. ވިއިރު އަހުރެމެން ދެމަފިރިން ލޯބިން ދިރިއުޅެމުންދަނިކޮށް ދެމެދަށް ވަދެގަނެވިފައި މިއޮތީ މާބޮޑަށެވެ. އެކަމަށް އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ. އެކަމަކު އަހުރެންނަށް ލިބެން އުޅޭ ދަރިފުޅު އުފަންވުމުގެ ކުރިން ބިންމައްޗަށް ވައްޓާލުމަށް މާފުކުރަން އުނދަގުލެވެ. މާފުކުރެވުނީމާ ބުނާނަމެވެ. ބުނަންދެން މަންމަވެސް ދައްތަވެސް މިގެއަށް ވަދެގެން ނުވާނެއެވެ. ގޭގައި ތިއްބަސް އަހުރެންގެ އެހީތެރިކަން ލިބޭނެއެވެ. ތިއަ ގެނައި ނަޖިސް އަންހެނާ ގޮވައިގެން ދެމައިން އަވަހަށް ނުކުމެގެންދާށެވެ!"
ދެމައިންވެގެން ވާހަކަދައްކަން މަސައްކަތްކުރުމުންވެސް ބުނީ މިވަޤުތު އިތުރަށް ދައްކާނެ ވާހަކައެއް ނެތަކަމަށެވެ. ރަނގަޅުވާނީ އަވަހަށް ނުކުމެގެންދިއުން ކަމަށެވެ.
މިއީ އަޅުގަނޑަށް އެނގިގެން ހިނގައިދިއަ ކަމެކެވެ. މިޙާދިސާއަށް ބަލައިފިނަމަ ވަރަށް ގިނަ ފިލާވަޅުތަކެއްވެއެވެ. ކުށްކުރީ މަންމަ ނަމަވެސް އަޅަންޖެހޭ ފިޔވަޅު އެޅުމާއި އަނބިމީހާއަށް ދޭންޖެހޭ ޙިމާޔަތާއި ރައްކައުތެރިކަން ދިނުމެވެ. އަދި މަންމަކަމަސްވިޔަސް ދެމަފިރިންގެ ދެމެދަށް ވަނުމުގެ ފުރުޞަތު ނުދިނުމެވެ.
މިފަދަ މައިދައިތައިންނަށް ދޭންބޭނުންވަނީ އިންޒާރެކެވެ. އެއީ މަންމަކަމަށްވީނަމަވެސް ދެމަފިރިންގެ ދެމެދަށް ވަދެގަނެ ދިރިއުޅުން ހަލާކުކުރަން އުޅުމަކީ މާތް ﷲ ޢަޛާބު ދެއްވަވާނެ ކަމެއްކަމުގެ އިންޒާރެވެ!
ބުނަން ހެއްޔެވެ؟ އަހުރެންގެ ފުރަތަމަ ކައިވެނި ރޫޅުނީ މިފަދަ ނުބައި މައިދައިތައެއްގެ ސަބަބުންނެވެ. ބަނޑަށް 4 މަހުގައެވެ. ވިހައި ގަދަވެ ދެވަނަ ކައިވެނީގެ ޙްފްލާއަށް ދަޢުވަތުކާޑު ފޮނުވިއިރު އޮތީ ސްޓްރޯކެއް ޖެހި އެއްފަޅި ވާގިނެތި ނުހިނގިފައެވެ. ޢިބްރަތް ޙާޞިލުކުރާށެވެ!
- ޝީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް