ރައީސްއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރައީސްއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ އާންމު ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ހަފުތާއަކު އެއް ދުވަހު ނުވަތަ ދެ ދުވަހު، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަގުތު ހަމަޖައްސަވާނެ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ގިނަ ބަޔަކަށް އެމަނިކުފާނާ ބައްދަލުކޮށް، ބޭނުންވާ ވާހަކަތައް ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެކަމަށް އެދޭ ފަރާއްތަކަށް ވަގުތު އޮންނަ ވަރަކަށް އުސޫލުގެ ތެރެއިން ވަގުތު ދެވިގެންދާނެ. 93 ދާއިރާ ނިމެނޭ ، ލައްކަ ދުވަހުން. ކޮންމެ ދާއިރާއަކުން 10 ނުވަތަ 15 އާއިލާއާިއ ބައްދަލުވާކަމަށް ވަންޏާއި 15 ވަރަކަށް ގެޔާއި ބައްދަލުވަންޏާއި ވަރަށް ގިނަ މީހުންނާއި ފުރުސަތު ލިބިގެންދާނެ. އެމީހަކު ބޭނުންވާ ވާހަކަތަކެއް ދައްކަން. އެކަހަލަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށަން އެބަ އުޅެން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރަށްވުރެ އިތުރު ވަގުތު ހޭދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ރަށްރަށަށް ވަޑައިގަތުމުގެ އިތުރުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފިޔަވަޅު ނާޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ބައްދަލުވުންތަކާއި ސިޓީތައް މެދުވެރިކޮށް ހުށަހަޅާ ކަންކަން ބަލައި، ހައްލު ހޯދައިދިނުމަށް ޚާއްޞަ ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ތެރޭގައި ލަސްވެފައި ހުރި އެތައް ކަމެއް ބަލައި، އެކަންކަމަށް ޖަވާބުދާރީވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން