ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް "ހާބަރ ޕޯޓަލް"ގެ ނަމުގައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް "ހާބަރ ޕޯޓަލް"ގެ ނަމުގައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ޚިދުމަތްތައް އަވަސްކުރުމަށްޓަކައި "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތަޢާރަފުކޮށްފިއެވެ. މި ޕްލެޓްފޯމް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ އެކި މަރުޚަލާތަކަކަށް ބަހާލައިގެންނެވެ.

އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، މި ޕޯޓަލްގެ މައިގަނޑު މަޤުޞަދަކީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި ފަޅުތެރެ ބެލެހެއްޓުމުގެ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ. މި ޕްލެޓްފޯމްގެ ސަބަބުން އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާވެ، އުޅަނދުތަކުގެ ވެރިންނާއި، އޮޕަރޭޓަރުންނާއި، ފަޅުވެރިން އަދި ކަމާބެހޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެމްއޭސީއެލްއަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ޕޯޓަލް ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ވަކި ތަރުތީބަކުންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ޕޯޓަލް ބޭނުންކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ.

މިހާތަނަށް އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނަށް ރަޖިސްޓްރީކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، މި މަރުހަލާ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ފަހު މަރުހަލާގައި 'ހާބަރ ޕޯޓަލް' ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ވީއައިއޭގެ ފަޅުތެރޭގެ ޚިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. މިއީ އެއަރޕޯޓުގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން