އަޔަން ޑެފިޝިއަންސީ އެނީމިއާއަކީ ހަށިގަނޑުން ދަގަނޑުބައި މަދުވުމުން ކުރިމަތިވާ ހާލަތެކެވެ. ހަށިގަނޑުގައި ހީމޯގްލޯބިން އުފެއްދުމަށްޓަކައި ހަށިގަނޑަށް ދަގަނޑުގެބައި ބޭނުންވެއެވެ. ހީމޯގްލޯބިންއަކީ ރެޑް ބްލަޑް ސެލްގައި އެކުލެވޭ ޕްރޮޓީންއެކެވެ. މި ޕްރޮޓީން ހަށިގަނޑުގެ ލޭހޮޅިތަކަށް އޮކްސިޖަން ފޯރުކޮށްދެއެވެ.
ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ހީމޯގްލޯބިން ނެތްނަމަ، ޓިޝޫތަކާއި މަސްތަކަށް އެކަށީގެންވާ ގޮތެއްގައި އޮކްސިޖަން ނުލިބޭނެއެވެ. މިހެންވުމުގެ ސަބަބުން ހަށިގަނޑުގެ ޓިޝޫތަކާއި މަސްތައް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ވަރުބަލިވުމާއި ނޭވާ ކުރުވުންފަދަ ކަންތައްތައް ކުރިމަތިލާން ޖެހިދާނެއެވެ.
ހަށިގަނޑުން ދަގަނޑުގެބައި މަދުނަމަ ފެނިދާނެ ބައެއް އަލާމާތްތައް-
1. އާދަޔާ ހިލާފަށް ވަރުބަލިވުން
ހަށިގަނޑުން ދަގަނޑުގެބައި މަދުނަމަ ވަރުބަލިވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. މިކަން މިގޮތަށް ދިމާވަނީ ހަށިގަނޑުގައި ދަގަނޑުގެބައި މަދުވުމުން ހީމޯގްލޯބިން އުފައްދައިދޭ މިންވަރު ދަށްވާތީއެވެ. ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް ހީމޯގްލޯބިން ނެތްނަމަ ހަށިގަނޑުގެ ޓިޝޫތަކަށާއި މަސްތަކަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު ދަންވާނެއެވެ. މިހެންވުމުގެ ސަބަބަން ހަށިގަނޑުން ހަކަތަދެއެވެ.
ދިރިއުޅުމުގައި މާ ބުރަކޮށް އުޅެން ޖެހޭނަމަވެސް އަދާޔާ ހިލާފަށް ވަރުބަލި ވެދާނެއެވެ. ހަމައެކަނި ވަރުބަލިވުމަށް އެކަނި ބަލައިގެން ހަށިގަނޑުން ދަގަނޑުގެބައި މަދުވަނީ ކަމަކަށް ނުނިއްމޭނެއެވެ.
2. ހަންގަޑުގެ ކުލަ ފަނޑުވުން:
ހަށިގަނޑުގައި ދަގަނޑުގެބައި މަދުނަމަ އާންމުގޮތެއްގައި ހަންގަނޑު ހުންނަ ކުލައަށްވުރެން ހަންގަނޑުގެ ކުލަ ފަނޑުވެދާނެއެވެ. އަދި ލޮލުގެ ތިރީ ކަޅިރަވައިގެ އެތެރޭގެ ކުލަވެސް ފަނޑުވެދާނެއެވެ.
އަހަރަމެންގެ ލެޔަށް ރަތް ކުލަ ގެނެސްދެނީ ހަށިގަނޑުގެ ރަތް ސެލްގައި އެކުލެވޭ ހީމޯގްލޯބިންއެވެ. ހަށިގަނޑުގައި ދަނގަޑުގެބައި މަދުވުމުން، ލޭގެ ރަތްކަށް ފަނޑުވެދެއެވެ. މިހެންވުމުގެ ސަބަބުން ހަންގަނޑުގެ ކުލަ ފަނޑުވުމަށް މަގުފަހިވެގެންދެއެވެ.
ލޯގަނޑަކަށް ބަލަންހުރެ ލޮލުގެ ތިރީ ކަޅިރަވަ ތިރިތަށް ދަމާލާފަ އެތެރެ ބަލާލާއިރު، އެތެރެ ހުންނަންވާނީ ވައިބްރެންޓް ރަތް ކުލައެއްގައެވެ. އެތެރެ މަޑު ފިޔާތޮށި ނޫނު ރީދޫ ކުލައެއްގައި ހުރިނަމަ އެއީ ހަށިގަނޑުން ދަގަނޑުގެބައި މަދުކަމުގެ އަލާމާތަކަށްވެދާނެއެވެ.
3. ނޭވާ ކުރުވުން:
ހަށިގަނޑުގެ ރަތް ސެލްގައި އެކުލެވޭ ހީމޯގްލިބިން އެހީގައި ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަން ފޯރުކޮށްދެއެވެ. ހަށިގަނޑުން ދަނގަޑުގެބައި ދަށްވުމުގެ ސަބަބުން ހީމޯގްލިބިން މިންވަރުވެސް ދަށްވެއެވެ. ހީމޯގްލިބިން މިންވަރު ދަށްވުމުން އޮކްސިޖަން ފޯރުކޮށްދޭ މިންވަރު ދަށްވެއެވެ. މިހާލަތުގައި އަހަރަމެންގެ މަސްތައް ރަނގަޅަށް މަސައްކަތްކުރުމަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން އިތުރު އޮކްސިޖަން ހޯދުމަށް މަސައްކަތް ކުރާވަރަކަށް ނޭވާލުމުގެ ރޭޓް އިތުރުވެ، ނޭވާ ކުރުވާގޮތް ކުރިމަތިވެއެވެ.
އާދައިގެ ކުޑަ ކަމެއް ކޮށްލާއިރަށް ނޭވާ ކުރުވާނަމަ، މިއީ ހަށިގަނޑުން ދަގަނޑުގެބައި މަދުވުމުން ކުރިމަތިވާ ކަމަކަށްވެސް ވެދާނެއެވެ.
4. ހިތް ތެޅުން:
ހަށިގަނޑުން ދަގަނޑުގެބަޔާއި ހީމޯގްލިބިން ދަށްވުމުން ހަށިގަނޑު އެކި ހިސާބުތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށްޓަކައި ހިތް އިތުރަށް މަސައްކަތް ކުރަންޖެހެއެވެ. މިކަމުގެ ސަބަބުން ހިތުގެ ތެޅުން އާދަޔާ ހިލާފަށް ނުވަތަ ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅެމުންދާ ކަމުގެ އިހުސާސް ކުރެވިދާނެއެވެ.
5. ޑްރައިވެ ހަލާކުވެފައިވާ ހަންގަނޑާއި އިސްތަށިގަނޑު:
ހަށިގަނޑުގައި ދަގަނޑުބައި މަދުވުމުން ލޭގައި ހުންނަ ހީމޯގްލޮބިންގެ މިންވަރު ދަށްވެ، އިސްތަށިގަނޑު ބޮޑުކުރާ ސެލްތަކަށް ލިބޭ އޮކްސިޖަންގެ މިންވަރު މަދުވެދާނެއެވެ. ހަންގަނޑާއި އިސްތަށިގަނޑަށް މަދުން އޮކްސިޖަން ލިބޭނަމަ، ހަންގަނޑާއި އިސްތަށިގަނޑު ހިކި ( ޑްރައިވެ) ބަލިވެދާނެއެވެ. ހަށިގަނޑުން ދަގަނޑުގެބައި ދަށްނަމަ ބޮލުން އިސްތަށިފޭބުން ގިނަވެދާނެއެވެ. އަދި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ބޮލުން އިސަތަށި ފައިބަނީ ހަށިގަނޑުގައި ދަގަނޑުގެބައި މަދުވުމުންނެވެ.
އަޅުގަނޑަކީވެސް ދަގަނޑުގެބައި މަދު މީހެކެވެ. 5 ފަހަރު މިކަމަށް އިންޖެކްޝަންވެސް ޖަހައިފީމެވެ. އަޅުގަނޑަށް ކުރިމަތިވާ އެންމެ އާންމުކަމަކީ ބޮލުން އާދަޔާ ހިލާފަށް ގިނައިން އިސްތަށި ފޭބުމެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.
-- އުންމު ނަވާރު
މަސްދަރު
RD, G.V.D.W.M. and Brown, M.J. (no date) 14 signs and symptoms of iron deficiency, Healthline. Available at: https://www.healthline.com/nutrition/iron-deficiency-signs-symptoms#pallor (Accessed: 24 May 2024).