ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ސަގާފީ މަރުކަޒު، ސޯސަންގޭގައި މިއަހަރުގެ ރޯދަމަހާ ދިމާކޮށް ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށް، ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދީފިއެވެ.
މި ރަސްމިއްޔާތުގައި ދެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ އިތުރުން، ބަންގި ގޮވުމަށް ޝައުގުވެރިވާ ކުދިންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޚާއްސަ ޕްރޮގްރާމްގެ ބައިވެރިންނަށް ވެސް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ ލީޑިން ޓީޗަރު އާމިނަތު ޢަބްދުލްޙަކީމް ވިދާޅުވީ، މި މުބާރާތްތަކަށް ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ މަދަޙަ މުބާރާތުގައި 40 ބައިވެރިން ބައިވެރިވެފައިވާއިރު، ޤުރްއާން ކިޔެވުމުގެ މުބާރާތުގައި 36 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބަންގި ގޮވުމުގެ ޕްރޮގްރާމްގައި 12 ދަރިވަރުން ބައިވެރިވެފައިވެއެވެ.
ސޯސަންގޭގައި ހިންގާ މޯލްޑިވްސް ކަލްޗަރަލް ސެންޓަރަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށާއި ކިޔަވާ ދަރިވަރުންނަށް ދީނީ އަދި ސަގާފީ ގޮތުން މުހިއްމު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ މަރުކަޒެކެވެ. މިފަދަ މުބާރާތްތަކަކީ ދަރިވަރުންގެ ހުނަރު ތަރައްގީކޮށް، ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.