މިއަހަރުގެ އެމްއެސްއެމްއީ ދުވަސް ފާހަގަ ކުރުމަށް އެސްއެމްއީ ޑިޖިޓަލް އިން ހާއްސަ ހަރަކާތްތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
މިއަހަރުގެ އެމްއެސްއެމްއީ ދުވަސް ފާހަގަ ކުރުމަށް އެސްއެމްއީ ޑިޖިޓަލް އިން ހާއްސަ ހަރަކާތްތަކެއް!

މިއަހަރުގެ ބައިނަލްއަގުވާމީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް (އެމްއެސްއެމްއީ ޑޭ) ފާހަގަކުރުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލް އިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތްތައް އިންތިޒާމުކުރަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެންނެވެ.

މި ދުވަހާ ގުޅިގެން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތަކީ "އެމްއެސްއެމްއީ ފެސްޓް 2026" އެވެ. މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 27 ވާ ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާ މި ހަރަކާތުގައި 30 ވިޔަފާރިއަކަށް އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމުގެ ފުރުސަތު ދީފައިވެއެވެ. މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލް، ބީސީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ސްޓޯލްތައް މި ފެސްޓިވަލްގައި ހުންނާނެއެވެ.

ކުދި ވިޔަފާރިތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ޕީއެސްއެމްގެ ޓީވީއެމް މެދުވެރިކޮށް ހާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. ހެނދުނު 10:30 އިން ރޭގަނޑު 11:00 އަށް ދައްކާ މި ޓެލެތޯންގައި ވިޔަފާރިތަކުގެ ކާމިޔާބީގެ ވާހަކަތަކާއި މައުލޫމާތު ހިއްސާކުރާނެއެވެ. މީގެ އިތުރުން، އިންސްޓަގްރާމް މެދުވެރިކޮށް "ޓެގް ޔޯ ފެވަރިޓް އެމްއެސްއެމްއީ" ގެ ނަމުގައި ފައިސާގެ އިނާމު ލިބޭ މުބާރާތެއްވެސް ވަނީ ފަށާފައެވެ.

ވިޔަފާރިތަކުގެ ބުރަ މަސައްކަތް ފޮޓޯގެ ޒަރީއާއިން ދައްކާލުމަށް "ކެޕްޗަރއެމްއެސްއެމްއީ" ގެ ނަމުގައި ފޮޓޯގްރަފީ މުބާރާތެއް ވަނީ ހުޅުވާލާފައެވެ. އަދި ކ. ހުރާގައި އެސްއެމްއީ ޑިޖިޓަލް، ބޭންކް އޮފް މޯލްޑިވްސް، ހުރާ ކައުންސިލް އަދި ބީސީސީ ގުޅިގެން ހާއްސަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ ބޭނުމަކީ ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާއި ހިދުމަތްތައް ހޯދާނެ ގޮތުގެ މައުލޫމާތު ދިނުމެވެ.

މި މުނާސަބަތުގައި އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "ކުދި ވިޔަފާރިވެރިންނަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އެންމެ މުހިންމު ހިއްސާއެއްވާ ފަރާތްތައް. ކޮންމެ ވިޔަފާރިއަކީ އާއިލާއަކަށާއި، މުޖުތަމައަކަށާއި، އަދި އަޅުގަނޑުމެންގެ އިގްތިސާދުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް." ކަމަށެވެ. އަދި އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން