ﷲ ތަޢާލާ ދެގޮތަކަށް މީސްތަކުންނާއި މުޚާޠަބް
ކުރައްވަވައެވެ! އެއްގޮތަކީ އޭ މީސްތަކުންނޭވެ! ދެވަނަ ގޮތަކީ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ވިސްނަންވީ ތިމާއަކީވެސް މީސްތަކުންގެ ތެރޭގައި ހިމެނޭ މީހަކު ކަމެވެ. ހުންނަންވީ ފަޅި އިޚްތިޔާރުކުރުމަކީ އެމީހެއްގެ ކަމެކެވެ.
މީސްތަކުންނާއިމެދު ހަރުކަށިކޮށް ޢަމަލުކުރާ، އަދި ދުލުން ހަރުކަށި ބަސްތައް ބުނެ މީސްތަކުންގެ ހިތުގައި ޖައްސާ މީހުންދެކެ ﷲ ތަޢާލާ ރުހިވޮޑިގެނެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ މީސްތަކުންނަށް ރިވެތި ގޮތުގައި މުޢާމަލާތުކޮށް ހެޔޮ ގޮތުގައި ކަންތައްތައްކުރާ، މީސްތަކުންނަށް އެހީތެރިވެދޭ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންނެވެއެވެ.
ޙަދީޘްފުޅުގައި އޮތީ މީހަކު އެހެން މީހުންނަށް އެހީތެރިވެދެމުން ގެންދާހައި ހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންވާ ކަމަށެވެ. ވީމާ ތިބާ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށް ބޭނުންވާނަމަ ފުރަތަމަކަމަކަށް ތިމާއަކީ އެހެން މީހުންނަށް ހެޔޮ ބަސްބުނެ ހެޔޮކޮށް ކަންކަންކުރާ އަދި އެހެން މީހުންނަށް އެހީތެރިވެދޭ މީހަކަށްވާށެވެ.
ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވާން އެދޭނަމަ، އަދި ﷲ ތަޢާލާގެ ރަޙްމަތަށް އެދޭނަމަ އެމީހަކަށް އޮތީ އަޚްލާޤް ރިވެތިކުރުމާއިއެކު މީސްތަކުންނަށް އެހީތެރިވެދިނުމެވެ. އަދި އެކަމުގައި ދެމިހުރުމެވެ. މިތަނުގައި އަޚްލާޤްގެ ވާހަކަ ގެންނަން މިޖެހެނީ ދުލުން ނުބައި ބަސްތައް ބުނަމުން މީސްތަކުންނަށް އެހީތެރިވެދިންނަމަވެސް އެކަމުގެ ފައިދާ ނުކުރާނެތީއެވެ. ފައިދާކުރާނީ އޯގާތެރިވުމާއި ރިވެތި ގޮތުގައި މުޢާމަލާތުކުރުމާއިއެކު މީސްތަކުންނަށް އެހީތެރިވެދިނުމުން ކަމުގައިވާތީއެވެ!
--މުފްތީ މެންކުގެ ދަރުސަކުން