ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނޭދެވޭ އާދަތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ކުރީގެ އެއްވެސް ސަރުކާރަކުން ނުދެއްވާވަރުގެ އަހައްމިއްޔަތުކަމެއް މި ސަރުކާރުން ދެއްވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޤީލާ ވިދާޅުވީ، އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށާއި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނޭދެވޭ އާދަތަކުން ރައްޔިތުން ސަލާމަތް ކުރުމަށް މި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ވަރަށް ބޮޑު ކަމަށެވެ. މީގެ ކުރިން ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ބޭނުންވާ ވަގުތުގައި ނުކުރެވުމާއި، އެ މަސައްކަތުގައި އެންމެ ބޭނުންވާ ވަރަށް ކާމިޔާބީ ނުލިބުމަކީ އަބަދުވެސް އޮންނަ މާޔޫސްކަމެއް ނަމަވެސް، މިއަދު އެ ޙާލަތު ބަދަލުވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުންފަތުގެ ވަބާއިން މާދަމާގެ ޖީލު ސަލާމަތްކުރުމަށްޓަކައި މި ސަރުކާރުން ފާއިތުވި ދެ އަހަރު ތެރޭގައި އެޅުއްވި މުހިންމު ފިޔަވަޅުތަކަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން 'ޖެނެރޭޝަނަލް ބޭން' ތައާރަފްކުރުމުގެ އިތުރުން، ވޭޕް އެތެރެކޮށް ވިއްކުން މަނާކުރުން ފަދަ ހަރުދަނާ ނިންމުންތައް ވަޒީރު ފާހަގަކުރެއްވިއެވެ. ދުންފަތް ހުއްޓުވުމުގައި ކާމިޔާބީތައް ލިބެނީ ރޭވުންތެރި މަސައްކަތްތަކެއް ކޮށްގެންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
"ދުންފަތް ކޮންޓްރޯލްކޮށް އަދާއި މާދަމާގެ ޖީލު ރައްކާތެރިކުރުމަށް ހަރުދަނާ ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން މިވަނީ ވޭތުވެދިޔަ 2 އަހަރުތެރޭގައި ތަންފީޒު ކުރަން ފަށާފައި. އޭގެ ހެޔޮ ނަތީޖާ މާތްﷲގެ އިރާދަފުޅާއެކު މާލަހެއް ނުވެ ފެނިގެންދާނެ،" ވަޒީރު ޤީލާ ވިދާޅުވިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މިއަހަރުގެ ޝިއާރަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އިއްތިފާޤެއް ނުވަތަ އިޚްތިޔާރެއް ނޫންކަން އެ ޝިއާރުން ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ. އަދި ދުންފަތުގެ ސިނާއަތުން ކުރާ އޮޅުވާލުންތަކަށްވުރެ ބޮޑަށް، ޒަމާނީ އަދި އުފެއްދުންތެރި ގޮތްތަކަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ބައްޓަންކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ޅަދަރިންނާއި ޒުވާނުން އަދި ހުރިހާ ރައްޔިތުންނަށް ދުންފަތުގެ ނުރައްކާ ބުނެދީ ހޭލުންތެރިކުރުވުމުގެ މަސައްކަތް އިހުނަށްވުރެ އެތައް ގުނަޔަކަށް އިތުރުކޮށް ފުޅާކުރަން ޖެހޭ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، ދުޅަހެޔޮ ޖީލެއް ބިނާކުރުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.