ޢިބްރަތްތެރި ވާހަކަ: އެއްވެސް ދަރިއެއްގެ ސުންޕާކަމުން އެކެއްގެ ކައިވެނިވެސް ރޫޅޭކަށް ނުޖެހޭނެ! ލިބޭ މާޔޫސްކަމުގަވެސް ދަރިން އެއްލައިލާނަމަ ގާތީ މިމަންމައަށް ޖެހުނު ޙާލުޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ޢިބްރަތްތެރި ވާހަކަ: އެއްވެސް ދަރިއެއްގެ ސުންޕާކަމުން އެކެއްގެ ކައިވެނިވެސް ރޫޅޭކަށް ނުޖެހޭނެ! ލިބޭ މާޔޫސްކަމުގަވެސް ދަރިން އެއްލައިލާނަމަ ގާތީ މިމަންމައަށް ޖެހުނު ޙާލުޖެހުން!

އަޅުގަނޑުގެ ބައްޕަ އަޅުގަނޑާއި މަންމަ ދޫކޮށްލާފައި ދިއައީ އަޅުގަނޑުގެ ޢުމުރުން އަހަރުވެސް ނުވަނީހެވެ. އެކަމަކު ދުވަހަކުވެސް މަންމަ އަލުގަނޑު ދެރަވާނެ ބަހެއްވެސް ނުބުނެއެވެ. ނަމަވެސް ކްލާސްކުދިންގެ ކިބައިން އެނގެނީ ބައެއް ކުދިންނަށް ވަރަށް ދެރަގޮތްތައް މެދުވެރިވާކަމެވެ. ކައިވެނިރޫޅުނީ ދަރިފުޅުގެ ސުންޕާކަމުން ކަމަށްބުނެ ނިކަމެތިކުރާ ކަމަށެވެ. މިއީ ކިހިނެއްވާކަމެއްތޯ؟  

މިއީ 16 އަހަރުގެ ކުއްޖަކު ކޮށްފައިވާ ސުވާލެކެވެ. ކުއްޖާއަށް ބުނެލަން އޮތީ އެފަދަ ބަސްތައް ދަރިންނަށް އެބުނެވެނީ އެކަމަށް އެއްވެސް ވަރަކަށް ނުވިސްނާތީއެވެ. މަންމައާ ބައްޕަ ވަކިވީ ތުއްތު ދަރިފުޅުގެ ސަބަބުންކަމަށް ޤަބޫލުކުރުމަކީވެސް ޖާހިލަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ.  

ތިރީގައިވާ ޙާދިސާގެ ވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ. ދަރިން އެއްލައިލާ ބައްޕައަށްވެސް އަދި މަންމައަށްވެސް ޖެހެނީ ޙާދިސާގައި މަންމައަށް އެޖެހުނު ޙާލެވެ.  

ކޮންމެ ސަބަބަކާއި ހުރެ ކައިވެނި ރޫޅުނުކަމުގައިވީނަމަވެސް ލިބިފައި ތިބި ނުވަތަ ލިބޭ ދަރިންނަށް އެކަމުގެ އަދަބުދީ އަނިޔާވެރިނުވުމަށް ވަރަށް ގިނައިން ވަޞިއްޔަތްކޮށް އިލްތިމާސްކުރެވެއެވެ. ތިރީގައިވާ ވާހަކައިންވެސް އެނގިލައްވާނީ އެއީ ކުރަން ހެޔޮނުވާނެ ކަމެއް ކަމާއި ފަހުން ކަރުނައަޅަންޖެހުން އޮންނަނީ ވަރަށް ގާތުގައިކަމެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!  

އެއީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށްވެގެން އަޅުގަނޑު ހޮސްޕިޓަލެއްގައި މަސައްކަތްކުރަންފެށި ދުވަސްވަރެވެ. ހޮސްޕިޓަލަށް ވިހަން އައި ތަނަވަސް އަންހެނެކެވެ. ވިހެއީ ވަރަށް ލޯބިލޯބި އަންހެންކުއްޖެކެވެ. ވިހެއުމަށްފަހު އޭނާ ބޭނުންވީ ދަރިފުޅު އެއްލައިލާށެވެ. ޔަތީމް ޚާނާއަކަށް ފޮނުވައިލާށެވެ.  

އެހެން ނުހެދުން އެދި ވަރަށް އާދޭސްކުރުމުން ވެސް އޭނާ ޤަބޫލެއް ނުކުރިއެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ނުކުމެގެންދާން އުޅުނު ވަގުތު ދަރިފުޅު ގޮވައިގެން ހުރެ އާދޭސްކުރަމުން ފަހަތުން ހިނގީމާވެސް ބަލައިވެސް ނުލައި ނުކުމެގެން ދިއައީއެވެ.  

ދަރިފުޅު ބަލައި ބޮޑުކުރަންބޭނުންނުވި ސަބަބެއްކަމަށްބުނީ އޭނާ ވަރަށް ލޯބިން ކައިވެނިކުރި އޭނާގެ ފިރިމީހާ، ދަރިފުޅަށް އޭނާ ބަލިވެއިނުމުން ވަރިކޮށްލާފައި ދިއަކަމެވެ. އަދި އެއީ ދަރިފުޅުގެ ސުންޕާކަމުން މެދުވެރިވިކަމެއް ކަމަށެވެ.  

ކޮންމެއަކަސް އެދަރިފުޅު ޔަތީމްޚާނާއަކަށް ފޮނުވާލަން އަޅުގަނޑު ބޭނުމެއް ނުވިއެވެ. އަޅުގަނޑު ބޭނުންވީ ކުއްޖާ ބަލައި ބޮޑުކުރާށެވެ. ކުއްޖާގެއަށް ގެންދިއުމުން އެކަމާއި އައި ރުޅީގައި ފިރިމީހާ އަޅުގަނޑު ވަރިކުރާނެ ކަމަށް ބުންޏެވެ. އަޅުގަނޑު އިޚްތިޔާރު ކުރީ ކުއްޖާއެވެ. އެހެންވެ ފިރިމީހާ  އަޅުގަނޑު ވަރިކޮށްފައި ދިއައީއެވެ.  

އަޅުގަނޑުގެ މައިންބަފައިންވެސް އަޅުގަނޑާއި ދެކޮޅެވެ. އެހެން މީހެއްގެ ދަރިއަކަށްޓަކައި ޒަވާޖީ ޙަޔާތް ނަގައިލުމަކީ މޮޔަކަމެއްކަމަށް ބުންޏެވެ. އަދި އެކުވެރިންވެސް ބުނަމުން ގެންދިއައީ ހަމައެފަދަ ބަސްތަކެވެ.  

ހުރިހާ މައްސަލަތަކާއިއެކުވެސް އަޅުގަނޑުގެ ވިސްނުން ތަފާތެވެ. އަޅުގަނޑުގެ ފިރިމީހާއަކީ އިންސާނިއްޔަތުކަންހުރި މީހެއްނަމަ އަޅުގަނޑު ކުޑަކުއްޖަކު ބަލާތީ އޭނާ އަޅުގަނޑު ދޫކޮށްލަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް އެއްވެސް ތަކްލީފެއް ނުޖެހޭނެއެވެ. ޚަރަދުކުރާނީ އަޅުގަނޑެވެ. ދެން އޮތީ ވަގުތުގެ މައްސަލައެވެ. އޭނާއަކީ އަބަދު ބޭރުގައި އުޅޭ މީހެކެވެ. ވީމާ އެގޮތުންވެސް އޭނާ ކަންބޮޑުވާންޖެހެންވީ ކަމެއް ނެތެވެ.  

ކޮންމެއަކަސް ދަރިފުޅު ބޮޑުވެގެންވީ ޢާންމު ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކަށެވެ. ހޮސްޕިޓަލުގައި މަސައްކަތްކުރަންފެށުމާއިއެކު ބަލިމީހުން އޭނާ ބަލައިގެންފިއެވެ. ޑިމާންޑް ބޮޑުވެއްޖެއެވެ. އޭނާގެ ކިބައިން ބޮޑެތި ބަލިތަކަށް ޝިފާލިބުނު ބަލިމީހުންގެ ތެރޭގައި އޭނާގެ މަންމަ ހިމެނެއެވެ. އައިސީޔޫގައި އޮއްވާ ފަރުވާދޭންޖެހުނީ އޭނާގެ މަންމައަށްކަން އޭނާއަށް އެނގުނެވެ. ނަމަވެސް މަންމައަކަށް ނުވެސް އެނގެއެވެ. އެއީ ދަރިފުޅަށްވީ ގޮތެއް އޭނާ ބަލާފައިވެސް ނެތުމުންނެވެ. ނަމަވެސް ގަދަވިފަހުން އެއީ ދަރިފުޅުކަން އެނގުމުން ގެއަށް ބައްދަލުކުރަން އައެވެ.  

ވަރަށް ބާރަށް ރޮއި މާފަށް އެދުނެވެ. ދަރިފުޅު މާފުކުރިއެވެ. ނަމަވެސް މަންމައެއްގެ ޤަދަރު ނުދެވޭނެކަމަށްބުނުމުން ނުކުމެގެންދިއައީ ކަރުނައަޅަމުންނެވެ.  

އަޅުގަނޑުގެ އެއިރުގެ ފިރިމީހާއަށްވެސް މެދުވެރިވީ ހަމައެފަދަ ގޮތެކެވެ. އޭނާއަށްވެސް ބޭސްކޮށްދޭންޖެހުނެވެ. އަދި ކީއްހެއްޔެވެ؟ ޚުދު އަޅުގަނޑުގެ މައިންބަފައިންނަށް މިހާރުވެސް ފަރުވާކުރަމުން އެގެންދަނީ ހަމައެދަރިފުޅެވެ. 

އަޅުގަނޑު މިހާރު މިހުރީ މުސްކުޅިވެ ރިޓަޔަރކޮށްގެންނެވެ. ހަމައެކަނި ލެކްޗަރަރއެއްގެ ގޮތުގައެވެ. އަޅުގަނޑުގެ އަމިއްލަ ދަރިންނަށްވުރެ އެދަރިފުޅު އަޅުގަނޑާއި އަޅައިލައެވެ. ކޮންމެ ހަފްތާއަކުހެން ބޭރަށް ގެންގޮސް ކާންދެއެވެ. އެދެމަފިރިން ޗުއްޓީއެއްގައި ދިއަ ނަމަވެސް ދަނީ ގޮވައިގެންނެވެ.  

އަޅުގަނޑުގެ އަތުގައިވެސް ފައިސާ އެބަހުއްޓެވެ. ނަމަވެސް ދަރިންގެ އަޅައިލުމާއި ލޯބި ބޭނުންވެއެވެ. ވީމާ ބުނެލަން އޮތީ ދަރިން އެއްލައިނުލާށެވެ. އެދަރިފުޅުގެ ސަބަބުން ކުރާނީ ކިހައިވަރެއްގެ ފައިދާއެއްކަމެއް ނުއެނގޭނެއެވެ. އެއްވެސް ދަރިއެއްގެ ފައިދޮށަށް ވެއްޓެން ނުޖެހޭނެ ކަމަށް ހީނުކުރާށެވެ.  

އަދި މީހެއްގެ ދަރިއަކު ނަމަވެސް ބަލަން ފުރުޞަތުލިބި، ތިބާގެ ކިބައިގައި ކުޅަދާނަކަންހުރިނަމަ އެ ފުރުޞަތު ދޫކޮށްނުލާށެވެ! ބަލައި ބޮޑުކުރާ ދަރިއަކީ އަމިއްލަ ދަރިންނަށްވުރެ ތިބާދެކެ ލޯބިވާ ދަރިންނަށްވެފައިވަނީ މަދަކުން ނޫނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކައެއް

 

މިއަދު އޮންލައިން