ދެމަފިރިން އެކުގަ ގޭގައި ތިއްބާ ފިރިމީހާގެ މަންމަ އަންހެނަކު ގޮވައިގެން އައިސް ބުނީ އަނބިމީހާ ވަރިކޮށް އޭނާއާއި ކައިވެނިކުރުމަށެވެ. ސަބަބެއް ކަމަށްބުނީ މާމަ ދަރިން ބޭނުންވާ ކަމަށާއި ކައިވެންޏަށް 6 އަހަރުވީއިރުވެސް ދަރިއަކު ނުލިބުމެވެ.
އެއަޑުއިވުމުން އަނބިމީހާ ފިރިމީހާގެ ކިބައިން އެދުނީ މަންމަގެ ވާހަކައަށް އިޙްތިރާމްކުރުމަށެވެ. ނަމަވެސް ފިރިމީހާ ބުނީ މަންމަގެ ވާހަކަ އަޑުއަހަން ބޭނުންނުވާ ކަމަށެވެ. އަނބިމީހާ ވަރިނުކުރާނެކަމަށެވެ.
މަންމަ ބޭނުންވީ މަންމައާއި އަނބިމީހާއާއި ދެމީހުންކުރެ އެކަކު އިޚްތިޔާރުކުރުމަށެވެ. ފިރިމީހާ ބުނީ މަންމައަށް އިޙްތިރާމްކުރާ ކަމަށާއި ހަމަހޭގައިހުރެ އަނބިމީހާ ވަރިނުކުރާނެ ކަމަށެވެ. ދަރިއަކު ނުލިބިއްޖެނަމަ އެކަމަށް ކަންބޮޑުނުވާ ކަމަށެވެ. ދަރިން ދެއްވަވަނީ ﷲ ކަމަށާއި ﷲ ނިންމެވި ކޮންމެ ގޮތަކަށް އަބަދުވެސް ހުންނާނީ ރުހިގެން ކަމަށެވެ. އައިރުޅީގައި މަންމަ ގެއިން ނުކުމެގެން ދިއައީއެވެ.
ދަރިފުޅު މަންމައާއި ބައްދަލުކުރެއެވެ. އެހީތެރިވެއެވެ. ނަމަވެސް ދެމަފިރިންގެ އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކައެވެ.
ދެން މިބުނަނީ ނަތީޖާއެވެ. އެއިގެ ފަހުން 10 އަހަރުވީއިރު ދެމަފިރިންގެ 5 ދަރިން ތިއްބެވެ. ދެމަފިރިން އުޅެނީވެސް ވަރަށް ލޯބިންނެވެ. މަންމަގެ އެދުމަށް ވަރިކޮށްނުލީތީ އަނބިމީހާ ދިއައީ ފިރިމީހާއަށް އިންތިހާއަށް ޝުކުރުވެރިވަމުންނެވެ. ފިރިމީހާ މަސައްކަތްކުރަމުން ދިއައީ ދުވަހަކުވެސް ދެމީހުން ވަކިނުވުމަށް މަންމަގެ ކުރިމަތީގައި ބުނި ބަސް ދެމެހެއްޓުމަށެވެ. އެހެންވެ ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ނުއޮވެއެވެ.
ދަރިން ނުލިބިގެން ނުވަތަ ލިބުން ލަސްވެގެން ކައިވެނި ރޫޅައިލާ މީހުންނަށް މިޙާދިސާގައި ވަރުގަދަ ޢިބްރަތެއްވެއެވެ. އުފަލުގައި އެކުގައި އުޅެން ބޭނުންވާ ކޮންމެ ދެމަފިރިއަކަށްވެސް ކޮންފަދަ އަގުހުރި ފިލާވަޅެއްތޯއެވެ؟
- ރަމީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް