އިދިކޮޅު ފަރާތްތަކުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ގުޅުން ހީނަރުކޮށް، ބައިބައިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ނޭޝަން ޗެޓް" ގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރުގެ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެރިކަން ކުރެއްވިއިރު، ވެރިކަމުގެ ވަކި ހިސާބަކުން ޕާޓީގެ ތެރޭގައި ހަމަނުޖެހުން އުފެދި މައްސަލަތައް ކުރިމަތިވި ކަމަށެވެ. އަދި މިހާރު އެ ފަރާތްތަކުން ޕީއެންސީގެ ތެރޭގައިވެސް އެފަދަ ބައިބައިވުންތަކެއް އުފެއްދުމަށް އަމާޒު ހިފާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ބަދަހިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕާޓީގެ އެންމެ މަތީ ލީޑަރޝިޕުން ފެށިގެން އާންމު މެންބަރުންނާ ހަމައަށް އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. "އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ރަނގަޅަށް، ވަރަށް އެކުވެރިކަމާއެކީގައި އޮތީ ވަރަށް ރަނގަޅު އެކުވެރި ގުޅުމެއް. އެހެންނަމަވެސް މި ގުޅުން ހީނަރުކުރަން އަދި ބައިބައިކުރަން އެކި ފަރާތްތަކުން މަސައްކަތް ކުރޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ނެތް އެވާހަކަ އަޑުއަހާނެ ބަޔަކު،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޕާޓީގެ ހުރިހާ މެންބަރުންވެސް ތިބީ ޤައުމުގެ ތަރައްޤީއަށްޓަކައި އެއް އަޒުމެއްގައި ކަމަށެވެ. އަދި ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމުގެ ނިޔަތުގައި އެންމެން ސާބިތުވެ ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ކޮންގްރެސް ބާއްވާ ތާރީޚު އަވަސްކުރުމާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ ޕާޓީ ތެރޭގައި ހަމަނުޖެހުން އުފެދިދާނެތީ ކުރި ކަމެއް ނޫން ކަމަށެވެ. ކޮންގްރެސް އަވަސްކުރީ ކުރިން ކަނޑައެޅި ތާރީޚު އޯލެވެލް އިމްތިހާނާ ދިމާވާތީ އާއި، ޤާނޫނީ ގޮތުން ކޮންގްރެސް ބާއްވަން ޖެހޭ މުއްދަތު ހަމަވެފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.