ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ދިމާވެދާނެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މުހިންމު ތިން އިދާރާއަކާއެކު ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކުގައެވެ.

މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ އެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް، ކުއްލި ހާލަތްތަކުގައި ލިބޭ އެހީތެރިކަން އަވަސްކުރުމެވެ. މި ފަހުމުނާމާތަކުގެ ދަށުން، ކޮންމެ އިދާރާއަކުންވެސް ކުއްލި ހާލަތެއްގައި އަދާކުރަންޖެހޭ ދައުރު ވަރަށް ސާފުކޮށް ކަނޑައެޅިގެންދާނެ ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ.

ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން މި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، އެކި ކަހަލަ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ސިމިއުލޭޝަން އެކްސަސައިޒްތައް ހިމެނެއެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން ހަގީގީ ކާރިސާއެއް ދިމާވާ ހިނދު މުއައްސަސާތަކުގެ މެދުގައި އޮންނަ މުޢާމަލާތްތައް ހަރުދަނާވެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވާނެއެވެ.

މި މަސައްކަތުގެ ސަބަބުން އެއަރޕޯޓުގައި ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޢަމަލުކުރާނެ ރަސްމީ އޮނިގަނޑެއް ގާއިމުވެގެންދާނެއެވެ. މިއީ ރާއްޖޭގެ މައި ދޮރާށީގެ ސަލާމަތާއި ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމްއޭސީއެލްއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން