ފުލުހުންގެ ހުރިހާ މަޝްރޫއުތަކެއް އަންނަ އަހަރު ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ
ފުލުހުންގެ ހުރިހާ މަޝްރޫއުތަކެއް އަންނަ އަހަރު ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މާލެ ސަރަހައްދުގައި ފުލުހުންގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދިނުމަށްޓަކައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖާގަ ތަނަވަސް ޒަމާނީ މަރުކަޒެއް ބިނާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 39 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ސަރުކާރުން ގާއިމުކުރަމުންދާއިރު މާލެ ސަރަހައްދުގައި ފުލުހުންގެ ހިދުމަތް އެކަށީގެންވާ ވަރަށް ގާއިމުކޮށްފައި ނެތް ކަމަށާއި މަގުމަތިން ޓޯކުރާ ވެހިކަލްތައް ގެނެސް ބާއްވާނެ ސަރަހައްދުތައް ނުވަތަ ޖާގަ ގާއިމުކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖާގައިގެ ގޮތުންވެސް ތަނަވަސް އަދި ޒަމާނީ ވަސީލަތްތަކާއެކު ފުލުހުންގެ ހިދުމަތް ދެވޭނެ މަރުކަޒެއް ގާއިމުކުރާން ނިންމާފައިވާ ކަމަށެވެ.

"އުމްރާނީ ތަރައްގީގެ ތެރެއިން އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތް އެޅުމަށްޓަކައި އޮތް ބިމުގައި އަޅަންޖެހޭ އިމާރާތް އެޅުމަށްޓަކައި ފަހިކޮށްދޭންޖެހޭ ހުރިހާ ކަންކަން ހަމަޖެހިގެންދާނެ، ހަމައެއާއެކީގައި މުޅި ރާއްޖޭގައި މި މަރުކަޒުތައް އަޅަމުންދާއިރު، މި ސަރހައްދުގައި ގްރޭޓާ މާލެ ސަރަހައްދުގައި އަދި އެކަށީގެންވާ ވަރަށް ނެތް ފުލުހުންގެ ހިދުމަތް ގާއިމުކޮށްދެވިފައެއް. އެހެންވީމާ މި ދެންނެވި އިމާރާތުގެ އިތުރުން ހުޅުމާލޭގައި ހާއްސަކޮށް ދެވަނަ ފުޔަވަހީގައި އެކަށީގެންވާ ޖާގަބޮޑު މަރުކަޒެއް އަޅައިދިނުން، މި ސަރުކާރުން މިއަންނަ އަހަރު ބަޖެޓުގެ ތެރެއިން ކުރިޔަށް ގެންދަން ކަނޑައަޅާފައި އޮންނާނެ." ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ މައި ހެޑްކުއާޓާ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް އޮތްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު ރަށްރަށުގައި ގާއިމުކުރަމުންދާ ފުލުހުންގެ އިމާރާތްތައް އެޅުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދީ ނުފެށި ހުރި މަޝްރޫއުތަކާއި ހުއްޓިފައި ހުރި މަޝްރޫއުތައް ވަރަށް އަވަހަށް ފެށިގެންގޮސް އަންނަ އަހަރަށް ނިންމާލެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"މިއަންނަ އަހަރަކީ މިހެން ހުރި ހުރިހާ މަޝްރޫއުތަކެއް، ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް، ފުލުހުންގެ ޕޯސްޓުކަމަށްވިޔަސް، ފުލުހުންގެ ސްޓޭޝަނެއް ކަމުގައިވިޔަސް ސަރަހައްދީ ލެވެލްގެ މަރުކަޒަކަށްވިޔަސް ނިންމުމުގެ އަޒުމު ކަނޑައަޅައިގެން މަސައްކަތް ހިނގާނެ އަހަރެއް. އަޅުގަނޑުމެންގެ ޓާގެޓަކީ މިއަންނަ އަހަރުތެރޭ ހުރިހާ މަރުކަޒުތަކެއް ނިންމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެރިކަމާއި ހަވާލުވިއިރު، ފުލުހުންގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރެވިފައިވަނީ ވަރަށް މަދު ރަށްތަކުގައެވެ.

މީގެއިތުރުން ވަތަނީ ހިދުމަތުގެ ތެރެއިން ތަމްރީނު ނިންމާ ޒުވާނުންނަށް ފުލުހުންގެ ހިދުމަތާއި ގުޅުމުގެ ފުރުސަތު ލިބޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދެއަހަރު ދުވަހުގެ ބަޖެޓުގައި ހިމަނައިގެން ފުލުހުންގެ މަރުކަޒުތަކަށް ބޭނުންވާ ފުލުހުން ހޯދައިދޭނެ ކަމަށެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި މި ޖަލްސާގައި ފުލުހުންގެ ޚިދުމަތަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދިން މުވައްޒަފުންނަށާއި، ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިން އާންމު ފަރާތްތަކާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް އެވޯޑާއި ހަނދާނީ ފިލާ ވަނީ އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހާސިލުކުރި ފުލުހުންނަށް އެ އިނާމުތައް ހަވާލުކުރުމުގެ އިތުރުން، 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނާއި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކޮށް ޚާއްޞަ ފިލާ އަރުވާފައިވެއެވެ. ޤައުމީ ސަލާމުން ނިންމާލި މި ޖަލްސާގައި ފުލުހުންގެ ޚިދުމަތާ ގުޅޭ ޚާއްޞަ ވީޑިއޯއެއްވެސް ދައްކާލާފައިވެއެވެ

މިއަދު އޮންލައިން