ހުޅުމާލޭ ހޮސްޕިޓަލުގައި އައުޓް-ޕޭޝަންޓް ނާސިން ހިދުމަތް ތައާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހުޅުމާލޭ ހޮސްޕިޓަލުގައި އައުޓް-ޕޭޝަންޓް ނާސިން ހިދުމަތް ތައާރަފުކޮށްފި

ހުޅުމާލޭ ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް އިތުރުކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ހޮސްޕިޓަލުގައި އައުޓް-ޕޭޝަންޓް ނާސިން ހިދުމަތް މިއަދު ރަސްމީކޮށް ތައާރަފުކޮށްފިއެވެ. މި ހިދުމަތް ތައާރަފުކޮށްފައިވަނީ އެކަމަށް ހާއްސަ ޖާގައެއް ތަރައްގީކުރުމަށްފަހުގައެވެ.

މިއީ ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުންނަށާއި، އާއްމުކޮށް ނާސިން ހިދުމަތްތައް ބޭނުންވާ މީހުންނަށް ނުހަނު މުހިއްމު ހިދުމަތެކެވެ. މީގެ ކުރިން ސީދާ އެކަމަށް ހާއްސަ ޖާގައެއް އެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައި ނުވާއިރު، މިއީ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

ހުޅުމާލޭ ހޮސްޕިޓަލު ހިންގާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާޤް ޙަލީމު ވިދާޅުވީ، މިއީ އައިޖީއެމްއެޗްއިން ކުރިއްސުރެ ފޯރުކޮށްދެމުންދާ ހިދުމަތެއް ނަމަވެސް، ހުޅުމާލޭ ހޮސްޕިޓަލުގައި އެ ހިދުމަތް ފޯރުކޮށްދޭން މީގެ ކުރިން ހާއްސަ ޖާގައެއް ނެތް ކަމަށެވެ. "އެ ހޮސްޕިޓަލުގައި އެ ހިދުމަތް ދެމުންއައީ އެމަޖެންސީ ފަޅީގައި ހުރި ޕްރޮސީޖާ ރޫމެއްގައި،" ހަލީމު ވިދާޅުވިއެވެ.

ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުރިން ހިދުމަތް ދެމުން އައި ގޮތުން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުއްލި ފަރުވާ ހޯދަން އަންނަ ބަލިމީހުންނާއި ކުއްލި ނޫން ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންނަށް އެއް ތަނަކުން ހިދުމަތް ދޭން ޖެހުމެވެ. މީގެ ސަބަބުން ހިދުމަތް ހޯދުމުގައި ބަލިމީހުން ހޭދަވާ ވަގުތު އިތުރުވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހިދުމަތް ދިނުމަށް އައު ތަނެއް ހަމަޖެހުނު ނަމަވެސް، އެމަޖެންސީ ފަޅީގައި ފޯރުކޮށްދެމުންއައި ނާސިން ހިދުމަތް އެގޮތުގައި ބަރާބަރަށް ލިބެމުންދާނެ ކަމުގެ ޔަގީންކަން ހަލީމު ދެއްވިއެވެ. ހުޅުމާލޭގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާއިރު، މި ބަދަލާއެކު އެމަޖެންސީ ފަޅީގައި ހުރި ޖާގައިގެ ދަތިތަކާއި ތޮއްޖެހުމުގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން