ފުލުހުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފުލުހުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: ރައީސް

ފުލުހުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން އިއުލާނު ކުރެއްވީ ފުލުހުންގެ މުއައްސަސާއަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ.މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ފުލުހުންނާއި ސިފައިން ގައުމަށްޓަކައި ކުރާ ނުރައްކާތެރި އަދި ގައުމީ ހިދުމަތުގެ އަގު ވަޒަންކުރަންޖެހެއެވެ. އަދި އެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތި ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފުލުހުންނަށް ހާއްސަ އިސްކަމެއް ދިނުމަކީ އިންސާފުވެރި ގޮތެއް ކަމަށް ރައީސް ގަބޫލުފުޅު ކުރައްވައެވެ. "ފުލުހުންނާއި ސިފައިން ގައުމަށްޓަކައި ކުރާ ނުރައްކާތެރި އަދި ގައުމީ ހިދުމަތުގެ އަގު ވަޒަންކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުލުހުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ވަނީ ދެއްވާފައެވެ. މިއީ ފުލުހުންގެ މުއައްސަސާގެ ހިދުމަތްތެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން