ކުޑަގޮހޮރާ ލެއިން ދަގަނޑުގެބައި މަދުވުމާ ހުރި ގުޅުން!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 3ސ
ކުޑަގޮހޮރާ ލެއިން ދަގަނޑުގެބައި މަދުވުމާ ހުރި ގުޅުން!

"އަޅުގަނޑަކީ ކުޑަގޮހުރުގެ އޮޕަރޭޝަނެއް ކޮށްގެންހުރި މީހެކެވެ. އޮޕަރޭޝަނަށްފަހު ޑޮކްޓަރު ވަކި ޚާއްޞަ އިރުޝާދެއް ނުދެއްވައެވެ. އެހެންވެ ދެއްވި ޢާންމު އިރުޝާދުތަކަށް ޢަމަލުކުރަމުން އައީއެވެ.

ދުވަސްކޮޅަކުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކުރި އޮޕަރޭޝަނާއި ގުޅުންހުރި މައްސަލައެއް ކަމެވެ." 

ކިޔުންތެރިޔާއަށް ދިމާވެލެއްވީ ޢާންމުކޮށް މެދުވެރިވާ ކަމެކެވެ. ފަހަރެއްގައި ތިއަ ޑޮކްޓަރަށް އޮޅުމަކުން ނުވަތަ ހަނދާން ނެތިގެން ކިޔައި ނުދެވުނު ނަމަވެސް ގިނަ ޑޮކްޓަރުން އެވާހަކަތައް ކިޔައިދޭނެއެވެ. ސަބަބަކީ ކުޑަގޮހޮރު ނަގަންޖެހުމަކީ ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ހަށިގަނޑަށް ފޯރުކޮށްދޭން އެޅޭ ހުރަހަކަށްވާތީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

އަޔަން ޑެފިޝިއަންސީ އެނީމިއާއަކީ ހަށިގަނޑުން ދަގަނޑުބައި މަދުވުމުން ކުރިމަތިވާ ހާލަތެކެވެ. ހަށިގަނޑުގައި ހީމޯގްލޯބިން އުފެއްދުމަށްޓަކައި ހަށިގަނޑަށް ދަގަނޑުގެބައި ބޭނުންވެއެވެ. ހީމޯގްލޯބިންއަކީ ރެޑް ބްލަޑް ސެލްގައި އެކުލެވޭ ޕްރޮޓީންއެކެވެ. މި ޕްރޮޓީން ހަށިގަނޑުގެ ލޭހޮޅިތަކަށް އޮކްސިޖަން ފޯރުކޮށްދެއެވެ. ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ހީމޯގްލޯބިން ނެތްނަމަ، ޓިޝޫތަކާއި މަސްތަކަށް އެކަށީގެންވާ ގޮތެއްގައި އޮކްސިޖަން ނުލިބޭނެއެވެ. މިހެންވުމުގެ ސަބަބުން ހަށިގަނޑުގެ ޓިޝޫތަކާއި މަސްތައް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ވަރުބަލިވުމާއި ނޭވާ ކުރުވުންފަދަ ކަންތައްތައް ކުރިމަތިލާން ޖެހިދާނެއެވެ. 

ހަށިގަނޑުން ދަގަނޑުގެބައި މަދުވުމަށް މެދުވެރިވާ ސަބަބުތައް

1. ކެއުމުގައި އެކަށީގެންވާ މިންވަރަށް ދަގަނޑުގެބައި ލިއްބައިދޭ ކާނާ ހިމަނާނުލެވުން

އަޅުގަނޑުމެން ހަށިގަނޑަށް ދަގަނޑުގެބައި ލިބެނީ އަޅުގަނޑުމެން ކެއުމުގައި ހިމަނާލާ ކާނާއިންނެވެ. ކެއުމުގައި މަދުން ދަގަނޑުގެބައި ލިއްބައިދޭ ކާނާ ދިގު މުއްދަތެއް ވަންދެން ބޭނުން ކުރުމުން ހަށިގަނޑުން ދަގަނޑުގެބައި މަދުވުމަށް މަގުފަހިވެއެވެ. ހަށިގަނޑު ރަނގަޅަށް ހެދި ބޮޑުވުމަށްޓަކައި ހަށިގަނޑަށް ކޮންމެހެން ދަގަނޑުގެބައި ބޭނުންވެއެވެ. މާބަނޑު އަންހެނުންނާއި ކުޑަކުދިން ދަގަނޑުގެބައި ލިއްބައިދޭ ކާނާ ގިނައިން ކެއުމުގައި ބޭނުންކުރަންވާނެއެވެ. ދަގަނޑުގެބައި ގިނައިން އެކުލެވޭ ކާނާގެ ތެރޭގައި ކަނޑުމަސް، ބިސް އަދި ފެހިކަންގަދަ ފަތް ފާހަގަކޮށްލެވެއެވެ.

2.ހަށިގަނޑުން މާގިނައިން ލޭ ބޭރުވުން/ އިންޓާރނަލް ބްލީޑިން

ލޭގައި ހުންނަ ރަތް ސެލްތަކުގެ ތެރޭގައި ދަގަނޑުގެބައި އެކުލެވެއެވެ. ހަށިގަނޑުން މާގިނައިން ލޭ ބޭރުވާނަމަ ލެއައާއި އެއްކޮށް ދަގަނޑުގެ މާއްދާވެސް ހަށިގަނޑުންދެއެވެ. ހައިޝުގެ ދުވަސްވަރު މާގިނައިން ލޭ ފައިބާ އަންހެނުންގެ ހަށިގަނޑުން ދަގަނޑުގެބައި ދަށްވުމުގެ ފުރުސަތު ބޮޑެވެ. ޕެޕްޓިކް އަލްސަރ، ހައިޓަލް ހަރނިއާ، ބޮޑު ގޮހޮރުގެ ޕޮލިޕް ނުވަތަ ކޮލޮރެކްޓަލް ކެންސަރުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ލޭ އެޅޭނަމަވެސް ( އިންޓާތނަލް ބްލީޑިން ވާނަމަ)  ހަށިގަނޑުން ދަގަނޑުގެބައި މަދުވުން އެކަށީގެންވެއެވެ.  

3. ދަގަނޑުގެބައި ހަށިގަނޑަށް ނަގައިނުދިނުން

އަހަރަމެން ކާ ކާނާއިން ދަގަނޑުގެބައި ލޭގެ ތެރެއަށް ނަގައިދެނީ ކުޑަ ގޮހުރުންނެވެ. ކުޑަ ގޮހުރަށް ކުރިމަތިވާ އަނިޔާއަކުން ބައެއް ފަހަރު ހަޖަމުވެފައިވާ ކާނާގެ ތެރެއިން ދަގަނޑުގެބައި އަދި އެހެން ނިއުޓިއަންޓްސް ހަށިގަނޑަށް ނަގައި ދިނުމަށް ނުކުޅެދެއެވެ. ކުޑަ ގޮހޮރުގެ ބައެއް ބައިޕާސް ނުވަތަ ސާޖަރީކޮށްގެން ނަގާފައިވާނަމަ، އެކަމުގެ ސަބަބުން ދަގަނޑުގެބައި އަދި އެހެނިހެން ނިއުޓްރިއެންޓްސް ހަށިގަނޑަށް ނަގައިގަތުމަށް އުނދަގޫވެދާނެއެވެ.  

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.

ލިޔުނީ: އުންމު ނަވާރު

މަސްދަރު

Cafasso, J. and Zimlich, R.  Iron-deficiency anemia: Symptoms, causes, and more, Healthline. Available at: https://www.healthline.com/health/iron-deficiency-anemia#risk-factors (Accessed: 25 May 2024).  

Iron deficiency anemia. Mayo Clinic. Available at: https://www.mayoclinic.org/diseases-conditions/iron-deficiency-anemia/symptoms-causes/syc-20355034 (Accessed: 25 May 2024).

 

 

މިއަދު އޮންލައިން