ރ. އަލިފުށީގައި ތަރައްޤީކުރަމުންދާ އެއާޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމައި، އެ ތަންތަނުން ޚިދުމަތް ދޭން ފަށާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަލިފުށީގައި ތަރައްޤީކުރާ ހޮސްޕިޓަލަކީ 128 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. 30 އެނދުގެ ޖާގައާއެކު ތަރައްޤީކުރާ މި ހޮސްޕިޓަލުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢަށް ބޭނުންވާ ސާމާނު ހޯދުމަށް ބޭނުންވާ ފައިނޭންސް މިހާރު ހަމަޖެހިފައިވާތީ، ލަސްތަކެއްނުވެ އަމަލީ މަސައްކަތް ބާރުމިނުގައި ފެށިގެންދާނެ ކަމަށެވެ.
ޒަމާނީ ފެންވަރަށް ފަރުމާކުރެވިފައިވާ މި ހޮސްޕިޓަލަކީ ގިނަ ޚިދުމަތްތަކެއް ހިމެނޭހެން ބިނާކުރާ ތަނެކެވެ. އެގޮތުން މި އިމާރާތުގައި އައިސޮލޭޝަން ފެސިލިޓީއާއި ސޯލާ ސިސްޓަމް ހިމެނޭނެ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ. މިއީ އެ ސަރަޙައްދުގެ ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އަލިފުށީ އެއާޕޯޓް މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އެރަށުގެ ރައްޔިތުންގެ ޒަމާންވީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. މި މަޝްރޫޢު ނިމުމުން އަލިފުށީގެ އިތުރުން އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހުރި މަޝްރޫޢުތައް އަވަހަށް ނިންމުމަށްޓަކައި ޚާއްޞަ ތާވަލެއް އެކުލަވާލާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.