އެކި ސަރުކާރުތަކުން ތަފާތު މޮޑެލްތަކަށް މަޝްރޫޢުތައް ހިންގުމުގެ ސަބަބުން ގެދޮރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިވިކަން ކުޑަވާކަން ފާހަގަކުރެވޭކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބިލެއް އެކުލަވާލުމަކީ ދާއިރާގެ މަޝްރޫޢުތައް ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އަސާސީ އިޖުތިމާއީ ބޯހިޔާވަހިކަމަކީ ކޮބާކަން ސާފުކޮށް ބަޔާންވެފައި ނެތުމުގެ ސަބަބުން، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޚާއްސަ އިސްކަމެއް ދޭންޖެހޭއިރު، އެންމެންނަށް އެއް އުސޫލަކުން އަމަލުކުރާނެ ނިޒާމެއް ބޭނުންވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. "ބޯހިޔާވަހިކަމުގެ ޤާނޫނެއް އައުމުން ބަޖެޓު ތައްޔާރުކުރުމަށް ފަސޭހަވެ، އަމިއްލަ ފަރާތްތަކަށް މި ދާއިރާގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވާނެ،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިރިއުޅުމުގެ ހާލަތު ބަދަލުވުމުން އެއާ އެއްގޮތަށް ބޯހިޔާވަހިކަން ބަދަލުކުރެވޭނެ ފުރުސަތުތައް އާ ބިލުގެ ތެރެއިން ހޯދައިދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި ބިލުގެ ސަބަބުން ގެދޮރުވެރިކަމުގެ މަޝްރޫޢުތައް މިހާރަށްވުރެ ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.