ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރު އަންނަނީ މޮނިޓާކުރަމުން: މެޓް އޮފީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރު އަންނަނީ މޮނިޓާކުރަމުން: މެޓް އޮފީސް

ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އެލްނީނޯ އުފެދުމާ ގުޅިގެން، ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް ވަރަށް ގާތުން މޮނިޓާކުރަމުން އަންނަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ. މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޕެސިފިކް ކަނޑުގެ މެދުތެރެ އާއި އިރުމަތީ ސަރަހައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށް ވުރެ މަތީގައި ކަމަށެވެ.

މި އަހަރު އެލްނީނޯގެ އަސަރުތައް ފެށިފައިވާކަން ދުނިޔޭގެ މޫސުމާ ބެހޭ އެޖެންސީ (ޑަބްލިއުއެމްއޯ) އިން ރަސްމީކޮށް އިއުލާންކުރީ މި މަހުގެ ދެވަނަ ދުވަހުއެވެ. ޑަބްލިއުއެމްއޯއިން ބުނެފައިވާ ގޮތުގައި މީގެ ސަބަބުން ނުރައްކާތެރި މޫސުމީ ހާދިސާތައް ކުރިމަތިވުމުގެ ބިރު އޮތް އިރު، ދުނިޔޭގެ ފިނިހޫނުމިނަށާއި ވާރޭ ވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. ނަމަވެސް ބައެއް ފަހަރު މިއަށްވުރެ ދިގު މުއްދަތަކަށް ވެސް މިކަން ދެމިގެންދާކަން ފާހަގަކުރެވެއެވެ. މިއީ ވަކި ތަރުތީބަކުން ނޫނަސް، ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއް ފަހަރު އަންނަ މޫސުމީ ބަދަލެކެވެ.

މެޓް އޮފީހުން ބުނީ އެލްނީނޯގެ ސަބަބުން ރާއްޖޭގެ ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭ އިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު މަދުވާ ކަމަށެވެ. "ކޮންމެ އެލްނީނޯ އަހަރެއްގައި ވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެ،" މެޓް އޮފީހުގެ ބަޔާނުގައިވެއެވެ. އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އިދާރާ އިން ފާހަގަކުރެއެވެ.

ރާއްޖޭގެ މޫސުމަށް ނުވަތަ ވާރޭވެހޭ މިންވަރަށް ނުފޫޒު ފޯރަނީ ހަމައެކަނި އެލްނީނޯ އިން ނޫން ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) އަދި މެޑަން ޖޫލިއަން އޮސިލޭޝަން (އެމްޖޭއޯ) ފަދަ މޫސުމީ އެހެން ހާލަތްތަކުގެ ސަބަބުން ވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.

އެލްނީނޯގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި ދިރޭތަކެތީގެ ނިޒާމަށް އަދި އިގުތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާކަން ފާހަގަކޮށް، މެޓް އޮފީހުން ވަނީ އެލްނީނޯ ކުރިމަތިވާ އަހަރުތަކުގައި ރާއްޖެއަށް ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތައް ދައްކައިދޭ ޗާޓެއް ވެސް އާންމުކޮށްފައެވެ.

މިއަދު އޮންލައިން