މާލެ ދާއިރާގައި ޚުޠުބާ ކިޔަމުންދާ ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޚަޠީބުންނާ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިއަދުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއާ ބެހޭ ގޮތުންނާއި، ޒުވާން ޚަޠީބުންގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. އެގޮތުން އިސްލާމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަރަބި އިސްލާމީ ޔުނިވަރސިޓީތަކުން ފުރުޞަތު ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އިސްލާމީ އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލްކުރަން ޝައުޤުވެރިވާ ޚަޠީބުންނަށް ޚާއްޞަ ސްކޮަލަރޝިޕް ސްކީމެއް ތަޢާރަފްކުރުމާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަދެކެވިފައެވެ. އަދި ޚުޠުބާ ކިއުމުގެ އިތުރުން މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުޤުވެރިވާ ޒުވާނުންނަށް ދާއިމީކޮށް އެކަން ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ. ވަޒީރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައި މަސައްކަތް ކުރާ ޒުވާން ޚަޠީބުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.