އަޅުގަނޑަކީ ޒުވާނަކީމެވެ. ޒުވާންަކމުގެ މަސްތުގައި ހުރެ އެކިވަރުގެ ފާފަތައް ވަނީ ކުރެވިފައެވެ. ވީމާ ތައުބާވުމަށް ކުރަން އޮތް އެންމެ ރަނގަޅު ދުޢާއަކީ ކޮބައިތޯ؟
ކިޔުންތެރިޔާޢަށް ބުނެލަން އޮތީ ތިރިގައިވާ ލިޔުމުގައި އެވަނީ ތައުބާވުމަށް އޮތް އެންމެ ޔަޤީން ދުޢާއެވެ. ވިދާޅުވެލައްވާށެވެ!
އާދަމްގެފާނާއި ޙައްވާގެފާނު (عليهما السلام)އަށް ކުރެވުނު ފާފައިގެ ބޮޑުކަން އިޙްސާސްވުމުން އެކަމާ ހިތާމަކޮށް، އެދެބޭފުޅުން ﷲ ތަޢާލާއަށް ތައުބާވާން ބޭނުންފުޅުވިއެވެ. ﷲ ތަޢާލާ އެބޭކަލުންނަށް ތައުބާގެ މަގު ދެއްކެވިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿ثُمَّ اجْتَبَاهُ رَبُّهُ فَتَابَ عَلَيْهِ وَهَدَىٰ﴾ (سورة طه ١٢٢)
މާނައީ: "ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނު ޚިޔާރުކުރެއްވިއެވެ. ފަހެ އެކަލޭގެފާނުގެ މައްޗަށް ތައުބާލައްވާ ތެދުމަގު ދެއްކެވިއެވެ."
އާދަމް عليه السلام ތައުބާވުމަށްޓަކައި ކިޔާނޭ ޚާއްޞަ ބަސްތަކެއް އެކަލޭގެފާނަށް ﷲ ތަޢާލާ އުނގަންނަވައިދެއްވިއެވެ. އެއީ ދުޢާއެއްގެ ގޮތުގައާއި ތައުބާވުމަށްޓަކައި ކިޔާނެ ބަސްތަކެއްގެ ގޮތުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿فَتَلَقَّىٰ آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ﴾ (سورة البقرة ٣٧)
މާނައީ: "ފަހެ އާދަމްގެފާނަށް އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތައުބާވުމަށް ކިޔާނޭ) ކަލިމަފުޅުތަކެއް ޙާޞިލުވެވަޑައިގަތެވެ. ފަހެ އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް ތައުބާލައްވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."
ދެން އާދަމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން އެބަސްތައް ވިދާޅުވިއެވެ. އޭގައިވަނީ ކުށަށް އިޢުތިރާފުވުމާއި ﷲ ތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުމާއި ރަޙްމަތަށް އެދިދެންނެވުމެވެ. އަދި އެފަދައިން ކަންކުރަންޖެހެނީ އެކަލާނގެ ފާފަފުއްސެވުމާއި ރަޙްމަތް ނުވާނަމަ އެބައިމީހުންވާނީ ގެއްލުމާއި ހަލާކުގެތެރޭގައިކަން ދެނެގަނެގެންތިބޭ ޙާލުގައެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ﴾ (سورة الأعراف ٢٣)
މާނައީ: "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ رَبُّއެވެ. އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ އަދި ރަޙްމަތް ނުލައްވައިފިނަމަ އަޅަމެންވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.|
މީގެ އިތުރަށް ﷲ ތަޢާލާ އާދަމްގެފާނަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވެވަޑައިގަންނަމުން ﷲ ތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސެވުންއެދި ދެންނެވިއެވެ…
- އަލްއުޚުތު އުންމު ޢަބްދިﷲ- ދި ސަލަފިއްޔާ
(އަލްކިތާބް އެންޑް އައްސުންނާ ޕަބްލިޝިން އިން ޗާޕްކޮށްފައިވާ (އާދަމް: ފާދަރ އޮފް ހިއުމަނިޓީ – މުޙައްމަދު މުޞްޠަފާ އަލްޖިބާލީ) އެފޮތުން ނަގާފައި)
އަދިވެސް އޮޅުން އަރާނަމަ ޖަވާބަކީ އެބަސްފުޅުތަކަކީ ނުވަތަ ދުޢާއަކީ އާދަމްގެފާނު ތައުބާވެވަޑައިގަތުމަށްޓަކައި ވިދާޅުވާން ﷲ ތަޢާލާ އުނގަންނަވައިދެއްވެވި ޚާއްޞަ ބަސްތަކަކަށްވާކަމެވެ. ވީމާ އެފަދަ ދުޢާއަކަށްވުރެ ވަކިން ޚާއްޞަ، މުޖައްރިބްކަން ބޮޑު އެހެން ދުޢާއެއް ނުއޮންނާނެ ކަމެވެ.