ޑޮލަރުން އިންވެސްޓުކޮށްގެން ފީގެ ގޮތުގައި އާމްދަނީ ހޯދޭނެ ފުރުސަތު ބީއެމްއެލްއިން ހުޅުވައިލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޑޮލަރުން އިންވެސްޓުކޮށްގެން ފީގެ ގޮތުގައި އާމްދަނީ ހޯދޭނެ ފުރުސަތު ބީއެމްއެލްއިން ހުޅުވައިލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ ވިޔަފާރި މުއާމަލާތްތަކުގައި ޑޮލަރުން އިންވެސްޓުކޮށްގެން ފީގެ ގޮތުގައި އާމްދަނީ ހޯދޭނެ ފުރުސަތު އެ ބޭންކުން މިއަދު ހުޅުވައިލައިފިއެވެ. މިއީ ބޭންކުގެ ކަސްޓަމަރުންނަށް ޑޮލަރު އިންވެސްޓުކޮށްގެން އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމަށް ތައާރަފުކުރި އާ ފުރުސަތެކެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް އިންވެސްޓުކުރުމަށް ބިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީން ބޮޑު ފައިދާއެއް އިންވެސްޓުކުރާ ފަރާތަށް ދިނުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ. މި އިންވެސްޓުމެންޓުތަކަކީ އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓުމެންޓު ޕޫލުތަކެއްގެ ގޮތުގައި ކޮންމެ ދުވަހަކު އިންވެސްޓުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭންތަކެކެވެ.

ކޮންމެ ޕޫލެއްގެ މައުލޫމާތު އޮންލައިންކޮށް އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންނާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި އިންވެސްޓުކުރުމުގެ މުއާމަލާތްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ޑޮލަރު އިންވެސްޓުކުރުމުން ކަސްޓަމަރުގެ އެކައުންޓަށް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ ވަގުތުން ޖަމާކުރާނެއެވެ.

އިންވެސްޓުމެންޓުގެ ފައިދާގެ ގޮތުގައި ލިބޭނެކަމަށް ކަނޑައަޅާފައިވާ އަދަދު ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ އެކައުންޓަށް ބޭންކުން ޖަމާކުރާނެއެވެ. ބީއެމްއެލްއިން ބުނި ގޮތުގައި މި އިންވެސްޓުމެންޓުތަކުން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.

މި ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ، "ބޭންކުގެ ޑެބިޓް އަދި ކްރެޑިޓު ކާޑުތަކުން ކުރާ މުއާމަލާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މަހެއްގެ މައްޗަށް މިފަދަ މުއާމަލާތްތަކަށް ބޭންކުން ވިއްކަމުން އައި ޑޮލަރުގެ އަދަދު ފަސް އަހަރު ތެރޭ 3.7 ގުނަ އިތުރުވެ، އެވެރެޖުކޮށް މަހެއްގެ މައްޗަށް 39.3 މިލިއަން ޑޮލަރު މިހާރު ވިއްކަމުންދޭ" ކަމަށެވެ.

ޝަރީފު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކޮންމެ މަހަކުވެސް 250,000 އާއި 300,000 އާ ދެމެދުގެ އަދަދަކަށް މީހުން ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ހިންގަމުންދެއެވެ. މި އާ އިންވެސްޓުމެންޓު ފުރުސަތަކީ ބޭންކުގެ ޑޮލަރުގެ މުއާމަލާތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ކަސްޓަމަރުންނަށް މާލީ ފައިދާ ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން