"މާލޭ ޓެކްސީލައިން"ގެ ޚިދުމަތަށް ވިލިމާލޭގައި ބޮޑު ތަރުހީބެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
"މާލޭ ޓެކްސީލައިން"ގެ ޚިދުމަތަށް ވިލިމާލޭގައި ބޮޑު ތަރުހީބެއް!

ވިލިމާލޭގައި އަލަށް ފެށި "މާލޭ ޓެކްސީލައިން"ގެ ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ މި ޚިދުމަތާ ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

ވަޒީރު ސަޢީދު ހާމަކުރެއްވި ގޮތުގައި، ވިލިމާލޭގައި މި ޚިދުމަތް ފެށިތާ ދޮޅު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 528 މީހުން ވަނީ ޓެކްސީލައިންގެ ޚިދުމަތް ހޯދާފައެވެ. މީގެއިތުރުން، ޖޫން މަހުގެ 22 އިން 28 އަށް މާލޭ ޓެކްސީލައިން މެދުވެރިކޮށް ޖުމްލަ 6,912 މީހުން ދަތުރުކޮށްފައިވާއިރު، އޭގެ ތެރެއިން 3,569 ދަތުރަކީ މާލެތެރޭގައި ކޮށްފައިވާ ދަތުރުތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚިދުމަތް ހޯދާފައިވާ ގޮތްތަކަށް ބަލާއިރު، ވެބް ބުކިން މެދުވެރިކޮށް 6,112 މީހުން ޚިދުމަތް ހޯދާފައިވާއިރު، ކޯލް ސެންޓަރު މެދުވެރިކޮށް 800 މީހުން ވަނީ ދަތުރުތައް ބުކްކޮށްފައެވެ. ކޯލް ސެންޓަރުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ބާރުބޮޑު ގަޑިތަކުގައި 5 ނުވަތަ 6 މިނިޓު ތެރޭގައި އަދި އާންމު ގަޑިތަކުގައި 3 ނުވަތަ 4 މިނިޓު ތެރޭގައި ކަސްޓަމަރުންގެ ކޯލްތަކަށް އިޖާބަދެމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، "ބެންޗްމާރކްކުރާ ކަންކަން އެބަހުރި އަވަހަށް ކޯލަށް އެޓެންޑުވެ އަވަހަށް ޚިދުމަތްދިނުން. ހަމައެގޮތަށް ޓެކްސީ ޑްރައިވަރުންނަށް ވެސް ޚާއްސަ ތަމްރީންތައް އެބަދެވޭ." މި ޚިދުމަތަކީ ފެންވަރު ރަނގަޅު އަދި އިތުބާރު ހުރި ޚިދުމަތަކަށް ހެދުމަށް ސަރުކާރުން އިސްކަންދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޓީސީސީން ހިންގާ "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން މިހާރު އެޕަލް އެޕްސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން