ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާ މިންވަރު އިތުރުވަމުންދާއިރު، މިއަހަރުގެ މިހާތަނަށް މި ބަލީގެ ޖުމްލަ 66 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެ އެޖެންސީން ހާމަކުރި ގޮތުގައި މިވަގުތު ބަލިޖެހިފައި ތިބީ 13 މީހުންނެވެ.
ވޭތުވެދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިމަބިހީގެ 44 ކޭސް ވަނީ އަލަށް ފެނިފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މި އަދަދު އިތުރުވެފައިވަނީ ބަލި ދެނެގަތުމަށް ޓެސްޓުކުރާ މިންވަރު އިތުރުކުރުމާ ގުޅިގެންނެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 15 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން ކަމަށްވެސް އެ އެޖެންސީން ފާހަގަކުރެއެވެ.
ބަލި ފެތުރެމުންދާ ގޮތަށް ބަލާއިރު، މިހާތަނަށް 258 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރާއްޖޭގައި މިވަގުތު ހިމަބިހީގެ 4 ކްލަސްޓަރެއް އޮތް ނަމަވެސް، ބަލިޖެހިގެން މާ ބޮޑުވަރުވީ ކޭސްތަކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވެކްސިން ފުރިހަމަ ނުކުރާ މީހުން ދެނެގަނެ، އެފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ޓެސްޓު ކުރުމާއި ވެކްސިން ޖެހުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) އާއި އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.