މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 324 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ އޭގެ ކުރީގެ ފަސް އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗަށްވުރެ، ފަހުގެ ދެ އަހަރާއި ބައިގެ ތެރޭގައި އަތުލައިގަނެވުނު ތަކެތީގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވަކިން ހާއްސަކޮށް 2021 އިން 2023 ގެ ނިޔަލަށް އަތުލައިގަނެފައިވަނީ 247 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ.
ނަމަވެސް، 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކަނިވެސް 324 ކިލޯގްރާމްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މިއީ ކުރީގެ ތިން އަހަރުގެ މުއްދަތާ އަޅާބަލާއިރު 77 ކިލޯގްރާމްގެ އިތުރުވުމެކެވެ.
މަސްތުވާތަކެތި އަތުލައިގަނެވުނު މައްސަލަތަކުގެ އަދަދަށް ބަލާއިރުވެސް ބޮޑު ކުރިއެރުމެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން 2021 އިން 2023 އަށް މަސްތުވާތަކެތީގެ 116 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، 2024 އިން މިއަހަރުގެ ޖޫންގެ ނިޔަލަށް މި އަދަދު ވަނީ 147 އަށް އަރާފައެވެ. މިއީ ގާތްގަނޑަކަށް 27 އިންސައްތައިގެ އިތުރުވުމެކެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ފަހަކަށް އައިސް އަތުލައިގަނެވޭ މިންވަރު އިތުރުވުމަކީ މި މަސައްކަތްތަކުގެ ކާމިޔާބީއެއްގެ ގޮތުގައި އެ އިދާރާއިން ސިފަކުރެއެވެ.