ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ ވަރަށް ފަސިންޖަރުން ނެތުން ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު އަމީން ފާހަގަކުރެއްވި ގޮތުގައި ޤައުމީ އެއަރލައިންގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ކަނޑައެޅުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މިންވަރަށް ފަސިންޖަރުން ނުލިބުމެވެ. މީގެ އިތުރުން، މިހާރުވެސް ރާއްޖޭގައި ޓިކެޓުގެ އަގުތައް ހުރީ އެއަރލައިން ހިންގުމުގެ ޚަރަދަށްވުރެ ބޮޑުކޮށް ނޫންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ތެލުގެ އަގުބޮޑުވީމަ މުޅި ދުނިޔޭގެ އެއަރލައިންތަކުގައި ގާތްގަނޑަކަށް 30 ނޫނީ 40 ޕަސެންޓުގައި ޓިކެޓް ފެއަރ ބޮޑުވި. އެކަމަކު އަޅުގަނޑުމެން ސަރުކާރުން ރައީސް ނިންމެވި ނިންމެވުންތަކާ ގުޅިގެން ޚަރަދުތައް އެހެން ގޮތްގޮތަށް މެނޭޖްކޮށްގެން ހުރި އަގުތަކުގައި މިއަދާ ހިސާބަށްވެސް ހިފަހައްޓަމުން މިއައީ."
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ އުދުހުންތަކުގެ އަގުތައް މަތިވެފައިވީ ނަމަވެސް، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުނުކޮށް ހިފަހައްޓާފައިވަނީ އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކޮށްގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ނިންމުމަކީ އާންމުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.