ޓެރަރިޒަމާދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ގުޅިގެން ތަމްރީނުތައް ހިންގައި، ފަންނީ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ދިފާއީ ވަޒީރު އޮނަރަބަލް ޣައްސާން މައުމޫން، ސައޫދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޚާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ވަޒީރު ޣައްސާން ވަނީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރު މޭޖަރ ޖެނެރަލް އަބްދުﷲ ބިން ހާމިދު އަލް ގުރައިޝީއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ގުޅިގެން ތަމްރީނުތައް ހިންގުމުގެ މުހިންމުކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެކެވުނެވެ. އަދި މި ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކަށް ފައިދާހުރި ގޮތެއްގައި ކުރިމަތިލުމަށްޓަކައި، އިސްތިރާތީޖީ ގޮތުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ. ދެ ގައުމުންވެސް ވަނީ ސަރަހައްދީ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ދިފާއީ އަދި ސަލާމަތީ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ދިފާއީ ވުޒާރާއިން މައުލޫމާތުދެއެވެ.