އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުން އަމިއްލައަށް ބިނާކުރި އައު އޮފީސް އިމާރާތް އިފްތިތާހުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުން އަމިއްލައަށް ބިނާކުރި އައު އޮފީސް އިމާރާތް އިފްތިތާހުކޮށްފި

ކ.ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުން އަމިއްލައަށް ބިނާކުރި އައު އޮފީސް އިމާރާތް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ. މި އިމާރާތަކީ ޖަލުގެ އޮފިސަރުންނާއި ޤައިދީންގެ ބުރަ މަސައްކަތުން ނިންމާފައިވާ ތަނެކެވެ.

މި އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި އިމާރާތުގެ ސަބަބުން ޖަލުގެ މުވައްޒަފުންނަށް ކުރިން ދިމާވި ޖާގައިގެ ދަތިކަން ހައްލުވެ، މަސައްކަތް ކުރުމަށް ފަހި އަދި ހިތްގައިމު މާހައުލެއް ލިބިގެންދާނެ ކަމަށެވެ. މިއީ ޖަލުގެ ހިންގުން ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ޤައިދީންގެ އިސްލާހީ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޤައިދީންގެ ފަންނުވެރިކަން އިތުރުކޮށް، އެމީހުން އަނބުރާ މުޖުތަމައަށް ނުކުންނައިރު އަމިއްލަ ކުންފުނިތައް ހަދައިގެން މަސައްކަތް ކުރެވޭ ފެންވަރަށް ތަމްރީނު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، ހަމައެކަނި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ބަދަލުގައި، ޕްރޮޖެކްޓް މެނޭޖްކުރުމާއި ފައިސާ ބެލެހެއްޓުން ފަދަ ވިޔަފާރީގެ މުހިންމު އުކުޅުތައް ޤައިދީންނަށް ދަސްކޮށްދިނުމަށް ވަޒީރު އިރުޝާދު ދެއްވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، އައްސޭރި ޖަލުގައި އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ ބަދިގެ އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވައިދެއްވާފައެވެ. މި ބަދިގެ އިމާރާތަކީވެސް ޖަލުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހިންގޭ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން