އިޤްޠިޞޯދުކުރުމާ ދަހިވެތިވެ އަނބިދަރިންނަށް ތިމާކުރަންޖެހޭ ޚަރަދުތައް ނުކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ. އިޤްޠިޞޯދު ކުރުމަކީ ލިބޭ މިންވަރުން ފުއްދައިގެން ދިރިއުޅެން މަސައްކަތް ކުރުމެވެ. އަތުގައި ފައިސާ ހުރެމެ ތިމާ ކުރަންޖެހޭ ޚަރަދުތައް ނުކުރުމެއް ނޫނެވެ.
އިޤްޠިޞޯދުކުރުމަށް ދީން ބާރުއަޅައެވެ. ހަމައެއާއިއެކު އަނބިދަރިންނަށް ތިމާކުރަންޖެހޭ ޚަރަދުތައް ކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އަތުގައި ތަނަވަސްކަން ހުރި މިންވަރަކުން އަނބިދަރިންނަށް ޚަރަދުނުކުރުމަކީ ފާފައެކެވެ. އަނބިދަރިންނަށް ހޭދަކުރުމުގަ ދީލަތިވާށެވެ! އެހުރިހާ ފައިސާއަކީ ތިބާއާއެކު މަޙްޝަރަށް ގެންދެވޭ ފައިސާތަކެކެވެ!
ތިރީގައިވާ ވާހަކައަކީ އަނބިދަރިންނަށް ކުރަންޖެހޭ ޚަރަދުނުކޮށް ފައިސާއެއްކުރަން ދަހިވެތިވާ ފިރިންނަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އަދި ކޮންމެ އަންތބަކަށްވެސް ހިތްވަރު ލިބިގެންދާ ހާދިސާއެއްވެސްމެއެވެ.
އަޅުގަނޑަކީވެސް ޒުވާން ޢުމުރުގައި ކައިވެނިކުރި އަންހެނަކީމެވެ. އެއިރު އަޅުގަނޑުގެ ޢުމުރަކީ އެންމެ 23 އަހަރެވެ. އެހެންވެ މީހުންގެ ސިފަތައް ދެނެގަންނާކަށް އެހައިރަނގަޅަކަށް ނޭނގެއެވެ. ކައިވެނިކުރިއިރުވެސް އޭނާއަކީ ޚަރަދުކުރުމުގައި ހިފަހައްޓާ މީހަކުކަން އެނގެއެވެ. ނަމަވެސް ވިސްނިފައި އޮތީ އެއީ އިޤްޠިޞާދުކުރުން ކަމަށެވެ.
ފިރިމީހާގެ ޙަޤީޤަތް ރަނގަޅަށް އެނގެން ފެށީ ދަރިއަކު ލިބުނުފަހުންނެވެ. ދަރިފުޅަށް ޚަރަދުކުރަން ޖެހުމުން އިތުރު ފައިސާ ބޭނުންވާންފެށުމުންނެވެ. ފިރިމީހާއަކީ ނުލިބޭ މީހެއް ނޫނެވެ. ގޭގެ ޚަރަދުތައް ބަލަހައްޓާވަރަށް ފައިސާ ލިބޭ މީހެކެވެ. ނަމަވެސް ބުނަން ފެށީ ދަރިފުޅަށް ނެޕީ ގަންނަންޖެހޭތީ ގެއަށް ގަންނަ ކިރުފަދަ އަސާސީތަކެތިވެސް ގަތުން މަދުކުރަންޖެހޭނެ ކަމަށެވެ.
ފިރިމީހާގެ އެފަދަ ހުރިހާ ކަމަކަށްވެސް ކެތްތެރިވީމެވެ. އަޅުގަނޑަކީ މާގިނަ ކަންކަމަށް ބޭނުންވާ މީހެއް ނޫނެވެ. ލިބޭ މިންވަރަށް ޝުކުރުކުރަން ހުރީ ދަސްވެފައެވެ. އަޅުގަނޑަކީ އަބަދުވެސް ކޮންމެވެސް ވަރަކަށް ފެހުމުގެ މަސައްކަތްކުރާ މީހަކަށްވުމުން ކޮންމެވެސް ވަރަކަށް ފައިސާ ލިބެއެވެ. އަޅުގަނޑަށް ފައިސާ ލިބޭ މިންވަރަށް ކަންކަން ބަޖެޓުކޮށް ފިރިމީހާ އާއި އެއްވެސް ޝަކުވާއެއް ނުކޮށް ދިރިއުޅެން މަސައްކަތްކުރީމެވެ.
ކެތް ނުކުރެވުނީ ދަރިފުޅު ބަލިވެގެން ތަންކޮޅެއް ގިނައިން ޑޮކްޓަރަށް ދައްކަން ޖެހުމުންނެވެ. އެކަމަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުވާހަކަ ދައްކަން ފެށުމުންނެވެ. އެހިސާބުން އަޅުގަނޑު ނިންމީ ފިރިމީހާ އާއި ވަކިވާށެވެ. ކޮންމެޙާލެއް ޖެހުނު ނަމަވެސް ދަރިފުޅު ގޮވައިގެން އެގެއިން ނުކުތުމަށެވެ.
ވަރިވާން އެދުމުން ވެސް އޭނާ ކަންބޮޑެއް ނުވެއެވެ. ހަމައެކަނި ބުނި ވާހަކައަކީ ދަރިފުޅަށް ދޭންޖެހޭ ޚަރަދު ކޯޓަށް ބަރާބަރަށް ދައްކާނެ ކަމަށާއި އިތުރަށް ފައިސާ ހޯދަން ނުގުޅުމަށެވެ. އަޅުގަނޑު އެކަމަށްވެސް ރުހުނީމެވެ.
2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދަރިފުޅު ގޮވައިގެން ގެއިން ނުކުތީއެވެ. ދެ ދުވަހަކު ކައިބޮއި ހަދާނެ މިންވަރަށް ނޫނީ އަތުގައި ފައިސާއެއް ވެސް ނެތެވެ. ނަމަވެސް ކަންބޮޑެއް ނުވަމެވެ. ހިންމަތާއިއެކު މަސައްކަތްކުރުމުން މާތް ﷲ ދެއްވަވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮންނާތީއެވެ.
އެކަނި ދިރިއުޅެން ފެށިތާ 3 މަސްވަރު ވީތަނާ ދަރިފުޅު ބަލައިދޭނެ އެކަނިވެރި މައަކު ލިބުނެވެ. އޭނާގެވެސް 4 އަހަރުގެ ދަރިއަކު ހުރެއެވެ. ދެ މައިން ބަލަން ފެށުމުން އަޅުގަނޑަށް ދެއްވަވާ ރިޒްޤްވެސް ބޮޑުތަނުން އިތުރުވިއެވެ.
ކުރުކޮށްލާނަމެވެ. މިއަދު އަޅުގަނޑަކީ ފަހާ 2 ތަނާއި 7 މުވައްޒިފުން ގެންގުޅޭ އަންހެނަކީމެވެ. ލޯބިވާ ފިރިއަކުވެސް އެބަހުއްޓެވެ. އޭނާއަށްވެސް ދަރިއަކު ވިހައިފީމެވެ. އިން ޝާ ﷲ
މިއަދުނޫހުގެ ކިޔުންތެރިންގެ ތެރެއިން ފިރިހެނުންނަށް ބުނެލަން ބޭނުމީ ދަރިން ބަލިވުމުން ބޭސްފަރުވާކުރަން ހޭދަކުރަން ޖެހިލުންވާ ޙާލަތަށް ވިސްނުން ހިނގައްޖެނަމަ ދަހިވެތިކަން އެވަނީ އިންތހާއަށް ގޮސްފައެވެ. ދަހިވެތި މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. މަރުވެގެން ވަޅުލާއިރު ބޭންކް އެކައުންޓުގައި ހުންނަ ފައިސާ ތިމާއާއިއެކު ވަޅެއް ނުލާނެއެވެ. ނަމަވެސް އަނބިދަރިންނަށް ހެޔޮގޮތުގައި ޚަރަދުކޮށްފައިވާނަމަ ކުރި ޚަރަދު ތިމާއާއިއެކު ވަޅުލެވޭނެއެވެ. ކައްވަޅުގައިވެސް އަދި އާޚިރަތް ދުވަހުގައިވެސް ތިމާއާއިއެކުގައިވާނެއެވެ.
އަންހެން ކިޔުންތެރިންނަށް ބުނެލަން ބޭނުމީ ދަހިފިރިންނާއިއެކުގައި ކުރިއަށްދާނަ މަސައްކަތްނުކުރާށެވެ. އެންމެ ބޮޑަށް އަޅުގަނޑަށް ތަޖުރިބާކުރެވުނު އެއްކަމަކީ ދަހިމީހުން ވާހަކަދެއްކުންވެސް މަދުކަމެވެ. ތިބެނީ ކަމަކު ކިޔައިފާނެތީ ހުންނަނީ އަނގައިން ނުބުނަން ތުން ފިއްތައިގެންނެވެ. އެފަދަ މީހަކާއިއެކު ދިރިއުޅުމަށްވުރެ ބުދަކާއިއެކު ދިރިއުޅުންވެސް މާރަނގަޅުވާނެއެވެ. މާއުފާވެރިވާނެއެވެ.
ދެން ބުނެލަން ބޭނުމީ ހޯދާ ޑޮކްޓަރީ ފާސް (ޕީއެޗްޑީ) އަށްވުރެ ދަސްކުރާ މަސައްކަތުން ކުރާ ފައިދާ ކުޑަ ނޫން ކަމަށެވެ. އެކަމުގެ ހެއްކަކަށް އަޅުގަނޑުގެ ކަންކަން ފުދޭނެއެވެ.
- ފަރީދާ ސަލީމް / މިއަދުނޫހުގެ ކިޔުންތެރިއެއް