ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ރަނގަޅުއިރުވެސް ތަނަވަސްކަމުގެ ދަހިވެތިކަމުގަ ވަކިވެ މަކަރުވެރި ގޮތުގަ ތަނަވަސް މީހަކާ ގުޅުނު އަންހެނަކު ބާކީވެ އެންމެ ނިކަމެތި ޙާލުގަ އުޅެންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ރަނގަޅުއިރުވެސް ތަނަވަސްކަމުގެ ދަހިވެތިކަމުގަ ވަކިވެ މަކަރުވެރި ގޮތުގަ ތަނަވަސް މީހަކާ ގުޅުނު އަންހެނަކު ބާކީވެ އެންމެ ނިކަމެތި ޙާލުގަ އުޅެންޖެހުނު ގޮތުގެ ވާހަކަ-

އަންހެނަކަސް ފިރިހެނަކަސް ތަނަވަސްކަމުގެ ދަހިވެތިކަމުގަ ހެޔޮލަފާ ބައިވެރިންނާއި ވަކިވެގެންދިއުމަކީ އެކަމުގެ ހިތާމަ މުޅި ޢުމުރަށް ކުރަންޖެހޭ ކަމެކެވެ. މައްސަލައަކީ ޝައިޠޯނާގެ މަޅީގައި ޖެހެވުމުން އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓިގަނެވޭ ކަމެވެ.  

ތެދަށް ބުނާނަމަ އެންމެންވެސް ތަނަވަސްކަމަށް ބޭނުންވާނެއެވެ. މައްސަލައަކީ ތަނަވަސްކަމަށް ދަހިވެތިވުމުގައިވެސް ހައްދުފަހަނައަޅައިދެވޭކަމެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ އަޞްލު އޮޅުވާލައިގެންވެސް ތަނަވަސްކަން ބޭނުންވާކަމެވެ. ފަޤީރަސް ލޯބިން ތިމާ ގެންގުޅުނު ބައިވެރިޔާގެ މޫނުގައި ކޮޅުފައިންޖެހޭ ކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިނުވެވޭކަމެވެ. 

ތިރީގައި އެވަނީ އެފަދަ އަންހެނެއްގެ ވާހަކައެވެ. ފަޟީޙަތް މެދުވެރިވީ ދުލުން ބޭއިޚްތިޔާރުގައި ޙަޤީޤަތް ހާމަކުރެވުނު ކަމެވެ. ވާހަކަވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އޭނާއަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. ނަމަވެސް އަޅުގަނޑާއި އޭނާ އާއި ދެމެދުގައި މިޒާޖުގެ ގޮތުން ވަރަށް ތަފާތު ކަންތައްތައް ގިނައެވެ. އެންމެ ބޮޑު މައްސަލައަކީ އޭނާއަކީ ފިރިމީހާއަށް ލިބޭ އާމްދަނީން ފުއްދައިގެން އުޅެން ބޭނުންވާ އަންހެނަކަށް ނުވުމެވެ. ލިބޭ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރަން ބޭނުންވާ އަންހެނަކަށްވުމެވެ. 

އޭނާގެ ފިރިމީހާގެ ވަރަށް ގާތް އެކުވެރިންގެ ތެރޭގައި ތަނަވަސް މީހަކު ހުރެއެވެ. ކޮންމެވެސް ގޮތަކުން ދެމީހުންގެ މެދުގައި ގުޅުން އުފެދުނެވެ. އަދި އެގުޅުމުގެ ތެރެއިން ކައިވެނިކުރަން ނިންމައި ފިރިމީހާ އާއި ވަކިވިއެވެ. ވަރިވުމުން ތަނަވަސް މީހާ ދިއައީ އޭނާއަށް ޚަރަދުކުރަމުންނެވެ. ނަމަވެސް އެވަރުންވެސް އޭނާގެ ހިތް ފުރޭނެ ގޮތެއް ނުވިއެވެ. ވާން އުޅޭ ފިރިމީހާގެ ތަނަވަސް އެކުވެރިއަކާއިއެކު ގުޅުން ހިންގަން ފެށިއެވެ.  

ޢިއްދަ ހަމަވެގެން (ކުއްޖާގެ ބައްޕަ ނޫން އަނެއް މީހާ އާއި ) ދެމީހުން ކައިވެނިކުރިއިރު އޭނާއިނީ ފިރިމީހާގެ އެކުވެރިޔާގެ ދަރިއަކަށް ބަލިވެއެވެ. ކުއްޖާގެ ބައްޕައާއި ކައިވެނި ނުކުރީ އަނެއް މީހާއަށްވުރެ ތަނަވަސްކަން ކުޑަވުމުންނެވެ. ޙަޤީޤަތް އެނގިހުރެވެސް ފިރިމީހާ ގާތުގައި ބުނީ ބަލިވެއިނީ އޭނާގެ ދަރިއަކަށް ކަމަށެވެ. ފިރިމީހާވެސް އަނބިމީހާއަށް އިތުބާރުކޮށް އެކަން ޤަބޫލުކުރިއެވެ.  

ދަރިފުޅު ލިބުނުތަނާ މާގިނަ ދުވަސްތަކެއް ނުވަނީސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން ފަށައިފިއެވެ. ފިރިމީހާ އެހެން އަންހެންކުއްޖަކާ ހިތާވިކަން އެނގުމުންނެވެ. އެކަން އެނގުމުންވެސް ފިރިމީހާގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައި ކެތްކުރަން މަސައްކަތްކުރިއެވެ.

ނަމަވެސް އެކަންވެސް ކާމިޔާބެއް ނުކުރެވުނެވެ. ދެމީހުންގެ މެދުގައި ޒުވާބުތައް ކުރެވެން ފަށައިފިއެވެ. އެގޮތަށް ކުރެވުނު ޒުވާބެއްގެ ތެރެއިން ފިރިމީހާ ބުނީ ދަރިފުޅު ބަހައްޓާފައި ގެއިން ދިއުމަށެވެ. އެވަގުތު އޭނާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. "ޢަމުދުން ތިއަވަރަށް ދަރިފުޅު ދެކެ ލޯބިވާން އެއީ ކަލޭގެ ދަރިއެއްވެސް ނޫނެވެ." ޖަވާބުގައި ފިރިމީހާ ބުންޏެވެ. "ކަލޭ ވަރިކޮށްފަ ފޮނުވާލަން މާލަސްވެސްވެއްޖެ ނޫން ހެއްޔެވެ؟ ތިއައިނީ ވަރިކޮށްފައެވެ. ކަލޭ ގެނައި ދަރިފުޅު ގޮވައިގެން އަވަހަށް ނުކުމެގެންދާށެވެ." އެހެން ބުނެފައި 3 މަސް ދުވަހުގެ ޚަރަދަށްވާނެ ފައިސާ ދީފައި ގެއިންނެރެ ފޮނުވައިލީއެވެ.  

ފައިސާކޮޅު ހިފައިގެން ގޮސް ކުލީ ކޮޓަރިއެއްގައި ހުރެ ދަރިފުޅުގެ އަސްލު ބައްޕައަށް ގުޅުމުންވެސް ލިބުނީ ހޯދަން ބޭނުންވި ޖަވާބެއް ނޫނެވެ. "ތިއައީ އަހަރެންގެ ދަރިއަކު ކަމުގައިވާނަމަ އަހަރެންނާއި ޙަވާލުކުރާށެވެ. އަހަރެން ދަރިފުޅު ބަލާނަމެވެ. ކަލެއާއި އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނެތެވެ. އަހަރެންގެ ދަރިއަކު އެހެން ފިރިހެނެއްގެ ބޮލުގައި އަޅުވައިގެން މިހުރިހާ ދުވަހު އުޅުނު އަންހެނަކު މަކަރުވެރި ގޮތުގައި ނުކުރާނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން މިހާރުވެސް މިގެންދަނީ ތިއަފަދަ މަކަރުވެރި އަންހެނުން ބޭޒާރުކޮށް ފަޟީޙަތްކުރަން ވަކާލާތުކޮށް އެކަމަށް ކެންޕޭނުވެސް ކުރަމުންނެވެ."  

ދެން ގުޅީ ފުރަތަމަ ފިރިމީހާއަށެވެ. އޭނާވެސް ދެއްކީ ހަމަ ކުއްޖާގެ ބައްޕަ ދެއްކި ޒާތުގެ ވާހަކަތަކެކެވެ.  

އޭނާއަކީ ފައިސާއަށް ކިތަންމެ ދަހިވެތި އަންހެނެއް ނަމަވެސް ދަރިފުޅު ދޫކޮށްލާކަށް ނުކެރުނެވެ. މުޅި މާލޭގައި އަތްފުނާ އަޅައިގެންވެސް އޭނާ އާއި އިންނާނެ ތަނަވަސް މީހަކު ނުވުމުން ދަރިފުޅު ގޮވައިގެން ދިއައީ ރަށަށެވެ. އެއީ ކުރިން ދިރިއުޅުނު ފެންވަރަށްވުރެ ދަށު ދަރަޖައިގަ މާލޭގައި އުޅެން ލަދުގަންނާތީއެވެ. ރަށުން ދަނޑުވެރިއަކާއި އިނދެގެން މިހާރު ދަނޑު ހައްދަނީއެވެ. 

އަޅުގަނޑު ޙިއްޞާ މިކުރީ އަޅުގަނޑުގެ އެންމެ އެކުވެރިންގެ ތެރެއިން އަންހެނަކަށް ކުރިމަތިވި ކަންކަމެވެ. ބޭނުމަކީ އެކުވެރިއަކު ފަޟީޙަތް ކުރުމެއް ނޫނެވެ. މިވާހަކަތައް ޙިއްޞާމިކުރީ އޭނާގެވެސް ހުއްދަ އާއިއެކުގައެވެ. ބޭނުންވަނީ މިފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުވުމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އެކުވެރިޔާގެ ޙަޔާތުން ޢިބްރަތް ޙާޞިލުކުރުމަށެވެ. ދަރިންގެ ބައްޕަ ނޫން މީހެއްގެ ބޮލުގައި ދަރިފުޅު އެޅުވުމަކީ ކިހައި ބޮޑުފާފައެއް ކަމާއިމެދު ވިސްނައިލާށެވެ. އަދި ތަނަވަސްކަން ފަހަތުން ދުވާނަމަ ލިބިދާނެ ނިކަމެތިކަމަށްވެސް ވިސްނައިލާށެވެ. ހަމަގައިމުވެސް ކުރެވުނު ފާފައަށް ބިރުވެތިވެ ތައުބާވެ ވިހާ ގަދަވެގެން ކުއްޖާގެ ބައްޕަ އާއި ކައިވެނިކުރިނަމަވެސް ހަމަ ތަނަވަހުގައި އުޅެވުނީހެވެ. މިއަދު އެފަދަ ޙާލުގައި ދިރިއުޅެން ޖެހިފައިވަނީ ތަނަވަސްކަން މާބޮޑަށް ބޭނުންވީތީއެވެ.

 

- ނަރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން