އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 2 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 2 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ހާމަކޮށްފި

އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރި މަސައްކަތުން 2 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބޮޑު އަދަދު ވަނީ ދައުލަތަށް ހޯދައިދީފައެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުން، ނުދައްކާ ހުރި ފައިސާ ހޯދުމަށް އެކި ގޮތްގޮތުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ހޯދާފައިވަނީ ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެންނެވެ. އެގޮތުން 1.2 ބިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ އިތުރުން ޑިއުސް ކްލިއަރަންސްގެ ތެރެއިން 617 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

ޓެކްސް އިދާރާއިން ފައިސާ ހޯދުމަށް ބޭނުންކުރި އެހެނިހެން ވަސީލަތްތަކަށް ބަލާއިރު، ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން 151 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން 13.5 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްގެން 13.1 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.

މީރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ ކުއާޓަރގައި ޓެކްސް ބަޔާން ހުށަނާޅާ 10,701 ފަރާތަކަށް ވަނީ އެކަން ހަނދާންކޮށްދީފައެވެ. އަދި ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 5,776 ފަރާތަކަށް ފައިނަލް ނޯޓިސް ހަވާލުކޮށްފައިވާކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން