ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި އަންނަ އަހަރުގެ ފަހުކޮޅު ހިމެނިގެންދާނެ ކަމަށް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނުމަށްޓަކައި ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ހީނާ ވިދާޅުވި ގޮތުގައި، ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމަށް ބޭނުންވާ ނޮމިނޭޝަން ފައިލު ތައްޔާރުކޮށް، މިއަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ޔުނެސްކޯއަށް ހުށަހަޅާފައެވެ. "ނޮމިނޭޝަން ފައިލް ތައްޔާރުކޮށް މިއަހަރުގެ ޖެނުއަރީ މަހު 21 ވަނަ ދުވަހު މިވަނީ ޔުނެސްކޯއަށް ހުށަހަޅާފަ. އަދި ޔުނެސްކޯއިން މިހާރު އެވަނީ ނޮމިނޭޝަން ފައިލް ބަލައިގަނެފަ، ރާއްޖޭގެ ޑޮކިއުމަންޓު ކޮމްޕްލީޓްވެފައިވާ ކަމަށް އަޅުގަނޑުމެންނަށް އަންގާފަ އަދި އިއުލާންކުރައްވާފަ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 400 އަށްވުރެ ގިނަ އާސާރީ ތަންތަން މިހާތަނަށް ލިސްޓުކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ތަންތަން ބެލެހެއްޓުމާއި މައުލޫމާތު އެއްކުރުމަށްޓަކައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީ ގުޅިގެން "މެރިޓައިމް ސާވޭ" ގެ ނަމުގައި ހާއްސަ މަޝްރޫއެއް މިހާރުވެސް ކުރިއަށް ގެންދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ފާހަގަކޮށްލެވޭ ފަސް މިސްކިތެކެވެ. އެއީ މާލޭ ހުކުރު މިސްކިތް، ހއ. އިހަވަންދޫ ހުކުރު މިސްކިތް، ރ. މީދޫ ބާ މިސްކިތް، އދ. ފެންފުށީ ހުކުރު މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ. މި ތަންތަން އިވެލުއޭޓްކުރުމަށްޓަކައި ޔުނެސްކޯގެ ހާއްސަ ޓީމެއް އަންނަ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިކަން ކާމިޔާބުވުމަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އުންމީދަކީ 2027 ވަނަ އަހަރުގެ ފަހުކޮޅު މި މިސްކިތްތައް ދާއިމީ ލިސްޓުގައި ހިމެނިގެން ދިއުމެވެ.