އެސްޓީއޯއިން ހިންގަމުން އައި 193 ބޭސްފިހާރަ "ސްޓޭޓްފާމާ" ގެ ދަށަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
އެސްޓީއޯއިން ހިންގަމުން އައި 193 ބޭސްފިހާރަ "ސްޓޭޓްފާމާ" ގެ ދަށަށް ބަދަލުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި 193 ބޭސްފިހާރަ، އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ބޭސްފިހާރަތަކުގައި ހުރި ބޭހުގެ ސްޓޮކް ގުނާ ނިންމައި، ސްޓޮކް ބެލެހެއްޓުމަށް ބޭނުންވާ ސިސްޓަމްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ބަދަލާއެކު ބޭސްފިހާރަތަކުގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ނިޒާމަށް ގެނެވޭ އެންމެ ބޮޑު އެއް ބަދަލަކީ، ކުރިއަށް އޮތް ތަނުގައި ހުރިހާ ފާމަސީއެއްގެ ސްޓޮކް ލައިވްކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމެވެ. މީގެ ސަބަބުން ބޭސް ހުރި މިންވަރާއި ބޭނުންވާ ބޭސްތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓޭޓްފާމާއިން ފާހަގަކުރެއެވެ.

ބޭހުގެ ސަޕްލައިއާ ގުޅޭގޮތުން ޑރ. ޝާހް ވިދާޅުވީ، އެސްޓީއޯއިން ކުރިން އޯޑަރުކޮށްފައިވާ ބޭސްތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެނެގަނެ، ދުރާލާ ބޭސް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ހަރުދަނާ ކުރާނެއެވެ.

މީގެ އިތުރުން، ރާއްޖެއިން އާންމުކޮށް ލިބެން ނުހުންނަ ބޭސްތައް ގެނައުމުގެ މަސައްކަތް ވެސް ސްޓޭޓްފާމާގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ބޭހުގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން